ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ އަދި އެއްކުރާ ލިޔެކިޔުންތައް ނައްތާލެވޭނެ ޙާލަތްތަކެއް ކަނޑައަޅައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" އަށް ފުރަތަމަ ފަހަރަށް އިސްލާހު ގެނައުމުންނެވެ. މި އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި ގަވާއިދުގައި ކުރިން ބަޔާންކޮށްފައިވާ ގޮތުން ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކައުކޮށް ބަލަހައްޓަންޖެހެއެވެ. އެގޮތުން ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް 8 އަހަރު ދުވަސް ވަންދެން، އަދި ޖުނަޙުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް 3 އަހަރު ދުވަސް ވަންދެން ބަލަހައްޓަންޖެހެއެވެ. ދަޢުވާކުރަން ފޮނުވިފައިވާ މައްސަލައެއްނަމަ، ޝަރީޢަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުޙަލާތައް ނިމެންދެން މި ލިޔެކިޔުންތައް ބަލަހައްޓަންޖެހެއެވެ. ނަމަވެސް، މި މުއްދަތުތަކަށްފަހު ލިޔެކިޔުންތައް ނައްތާލެވޭނެ ޙާލަތްތަކެއް ކުރީގެ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަށް މިހާރު ގެނައި އިސްލާހުގައި ވަނީ، ލިޔެކިޔުން ނައްތާލެވޭނެ ވަކި ހާލަތްތަކެއް ކަނޑައަޅާފައެވެ. އެގޮތުން:
ޖިނާއީ މައްސަލައެއްގައި ދަޢުވާ ނުކުރެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެއެވެ.
ތަޙުޤީޤު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެއީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދަޢުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިނުވާ މައްސަލައަކަށް ވެފައި، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭނެކަމަށް އެ މައްސަލައެއް ތަޙުޤީޤުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ޤަބޫލުކުރެވޭނަމަ، އެ ކަން ލިޔުމުން އެންޑޯޒްކުރުމަށްފަހު، އެ މައްސަލައެއް ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެއެވެ.
މި އިސްލާހުތައް ގެނެވުނުކަމުގެ ސަބަބުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ރެކޯޑު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކަނޑައެޅޭ މުއްދަތަށްފަހު ލިޔެކިޔުންތައް ރައްކާތެރިކުރުމާއި ނައްތާލުމުގައި ހުރި ގޮންޖެހުންތައް ހައްލުވެގެންދާނެކަމަށް ބެލެވެއެވެ.


