ދުނިޔޭގެ ފުޓްބޯޅަ އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ޚާއްސަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި މުހިންމު ދަތުރުފުޅަކީ 19 އަހަރަށް ފަހު ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މާދަމާ ހެނދުނު ރާއްޖެއަށް ވަޑައިގަންނަވައި، އިންފަންޓީނޯގެ އެންމެ މުހިންމު އެއް ކަމަކީ ރައީސް މުއިއްޒުއާ އެކު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުވުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދައްކަވާނެ ކަމަށެވެ.
ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗު އޮންނާނީ އިންފަންޓީނޯގެ ޝަރަފުގައި މާދަމާ ހަވީރު 4:00 އިން 6:00 އަށް ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަނުގެ ތެރެއިންނެވެ. މި ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެއެވެ. އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ހެޔޮއެދޭ ފަރާތްތަކަށް މި ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު ދީފައެވެ.
ފީފާގެ ރައީސަކު ރާއްޖެއަށް މީގެ ކުރިން ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓާ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފައެވެ. އިންފަންޓީނޯ ވަނީ 2022 ގެ ވޯލްޑް ކަޕަށް ފަހު ޗުއްޓީ ދަތުރެެއްގައި ރާއްޖެ ވަޑައިގެންފައެވެ. އެހެންނަމަވެސް އެފަހަރު ރަސްމީ އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.


