އިސްދޫ އަދި ކަލައިދޫގައި 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ސިއްހީ ދާއިރާއިން އިސްދޫ އަދި ކަލައިދޫގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ އެ ދެ ރަށުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެކަމަށެވެ.
އަދި އެ ހޮސްޕިޓަލް ތަރައްޤީކުރާނީ އެ ދެރަށުގެ ރައްޔިތުންނަށްވެސް ފަސޭހައިން ޚިދުމަތް ލިބޭނެ ތަނެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
”މިހާރު ހުރި ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކުރުމަށްވެސް އަޅުގަނޑުމެން ހޮސްޕިޓަލްގެ ކުރިން މަސައްކަތް ކުރާނަން“ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެ ދަތުރުފުޅުގެ ތެރެއިން އެ ދެރަށުގެ ރައްޔިތުންނަށްވެސް މުހިއްމު މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވާފައެވެ.


