ރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހއ. ދިއްދުއަށް ވަޑައިގަތީ ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވާ، އެ ކޯޓުން ހުއްދަ ނެގުމަކައިނުލާ ކަމަށާއި އެހެންވެ ފިޔަވަޅު އެޅިދާނެ ކަމަށް ކޯޓުން މިއަދު ބުނެފިއެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް އެ ކޯޓުގައި މިއަދު 14:30 އަށް ވަނީ ތާވަލު ކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި، މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމާއި މައްސަލަ ތާވަލުކޮށްފައި އޮއްވާ ކޯޓުގެ ހުއްދަ ނެތި އެހެން ރަށަކަށް ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލު ދެއްވާފައެއް ނުވެއެވެ.
މި ކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން އަބަދު ވެސް ކޯޓުތަކަށް އެއްބާރުލުން ދެއްވާފައިވާ ކަމަށާއި މި ކަމުގައި ވެސް އަމަލުކޮށްފައިވާނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، މަނީ ލޯންޑާކުރިކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް މީގެ ކުރިން ދަށު ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެކަމަކު، އެ މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.
އެ މައްސަލަ އަލުން ބަލަން އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަންނަނީ މައްސަލަ ބަލަމުންނެވެ.
ޔާމީންގެ ޕާޓީ ޕީއެންއެފުން މީގެ ކުރިން ބުނީ ތިލައުތުރު އެވޯޑް ޝަރަފުވެރިކޮށްދެއްވަން މިއަދު ދިއްދުއަށް ވަަޑައިގެންނެވުމަށް ފަހު، ހަފުލާ ނިމުމުން އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.


