ރަށްރަށުގެ އޭޓީއެމްތައް މެދުވެރިކޮށް 203 މިލިޔަން ޖަމާކޮށްފައިވޭ: ސައީދު

އެކި ރަށްރަށުގައި ބެހެއްޓީ އޭޓީއެމްތައް މެދުރިކޮށް ކޮށްފައިވާ މުއާމަލާތްތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 203 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ރަށްރަށުގައި އޭޓީއެމް ނުބެހެއްޓި މައްސަލައިގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ކުރީން، އޭޓީއެމް ބެހެއްޓިފައިވަނީ 72 ރަށުގައި ކަމަށެވެ. އަދި މިސަރުކާރުން 2024 ވަނަ އަހަރު އިތުރު ނުވަ ރަށެއްގައި އޭޓީއެމް ބެހެއްޓި ކަމަށާއި، މިއަހަރު 130 ރަށެއްގައި އޭޓީއެމް ގާއިމުކޮށް ޖުމުލަ 180 އޭޓީއެމްގެ ޚިދުމަތް ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިހާރު އޭޓީއެމްގެ ހިދުމަތް ނުލިބި ވަނީ ދެ ތަނެއްގައި ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އޭޓީއެމްތަކުން 230000 މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އެ މުއާމަލާތްތަކުން ޖުމްލަ 203 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާއިރު އެއީ ބޭންކިން ނިޒާމުގެ ތެެރެއަށް މުޅިން އަލަށް ވަތް ފައިސާ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭޓީއެމްގެ މުއާމަލާތްތަކުގައި މާލެއާއި އަތޮޅުތަކުގެ ރަށްރަށުން ބޭންކަށް ފައިސާ ޖަމާކުރި އަދަދުތަކާބެހޭ މައުލޫމާތުތައްވެސް މިނިސްޓަރު ވަނީ މަޖިލީހާ ހިއްސާ ކުރައްވައިފައެވެ.

"ބީއެމްއެލްގެ ވިއުގަ ބޭނުންކޮށްގެން އޭޓީއެމް މާލެއިން ދުވާލަކު 14000 މުއާމަލާތް ކުރާއިރު 79 މިލިއަން ރުފިޔާ އޭޓީއެމް މެދުވެރިކޮށް ދުވާލަކު ދައުރު ވޭ، ހަމަ އެއާއެކު ދުވާލަކު 9300 މުއާމަލާތް އަތޮޅުތެރޭގައި ކުރާއިރު 25.7 މިލިޔަން ރުފިޔާ އަތޮޅުތެރޭގައި އޭޓީއެމް މެދުވެރިކޮށް ދައުރުވޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *