އަލިމަގު އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރު ކޮށްފި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން "އަލިމަގު" ގެ ދަށުން، ހާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ.އަތޮޅާއި މާލެ ސަރަހައްދުގައި ކުރިއަށްދާއިރު އެ އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުުހުން ދެންމެ ވަނީ އޮޕަރޭޝަންގެ ފަހުގެ މައުލޫމާތު ހާމަކޮށްފަ އެވެ. ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.

އަދި މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި، ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސްއާއި ޑްރަގް އެންފޯރސްމަންޓް ވިންގު ގުޅިގެން ކަމަށްވެސް އެ އިދާރާއިން މައުލޫތު ދެއެވެ.

އޮޕަރޭޝަން އަލިމަގުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ، 2025 ނޮވެމްބަރު 13އިން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، މި އޮޕަރޭޝަނުގެ ތެރެއިން، ރާއްޖެތެރެ 39 ރަށަކަށް އަމާޒުކޮށް، 166 ތަނެއް ބަލާފާސްކުރެވިފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *