"އޮޕަރޭޝަން އަލިމަގު" ގެ ދަށުން ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ގައުމީ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ވިލިނގިލިން ހައްޔަރުކޮށްފައިވަނީ ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު (28އ)، ވިލިނގިލި، މިޔުޒިކީއާގެ، އަހުމަދު މަދީހު (33އ)، ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ.
ފުލުހުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާހު ލަތީފު، އަހުމަދު މަދީހު އަދި އަހުމަދު އަނާމް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެެވެ.
ނޫރުއްނިޒާމްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުންޏެވެ.
އެ ހަތަރު މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.


