ޣައްޒާގެ ރައްޔިތުން ގަދަކަމުން ސޯމާލިލޭންޑަށް ގެންދަން އިޒްރޭލުން ރާވާއިރު، އެތަނުގައި އިޒްރޭލުގެ އަސްކަރީ މަރުކަޒެއް އެޅުމަށްވެސް އަޅާނެ

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ގަދަކަމުން، ސޯމާލިއާއިން ވަކިވެގަނެ އަމިއްލަ ސަރުކާރެއް ގާއިމްކޮށްފައިވާ ސޮމާލީލޭންޑަށް ގެންދަން އިޒްރޭލުން ރާވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސޯމާލިޔާގެ ބައެއްގައި 1991 ވަނަ އަަހަރުން ފެށިގެން އިއުލާނު ކޮށްގެން އުޅޭ ވަކި "ދައުލަތެއް" ކަމަށްވާ ސޯމާލީލޭންޑް އެއީ މިނިވަން ދައުލަތެއް ކަމަށް އިޒްރޭލުން ވަނީ ބަލައިގެންފަ އެވެ. އެއީ ޝަރުތުތަކަކާވެސް އެކުގައެވެ.

ސޯމާލިއާގެ ރައީސް ހަސަން ޝެއިހް މަހްމޫދު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، އިޒްރޭލުން ސޯމާލީލޭންޑް ބަލައިގެންފައިވަނީ، ތިން ޝަރުތަކަށް އެއްބަސްކުރުވައިގެންނެވެ. އެއީ؛

  • ޣައްޒާގެ ރައްޔިތުން އެތަނަށް ބަދަލުކުރުން
  • އިޒްރޭލުގެ މަރުކަޒެއް ގާއިމުކުރުން
  • އިޒްރޭލާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކުރުން

ސޯމާލިއާއިން ވަކިވެގަނެ، ވަކި ދައުލަތެއް ކަމަށް އިއުލާނު ކޮށްގެން އުޅޭ އެ ސަރަަހައްދަކީ ވަކި ދައުލަތެއް ކަމަށް މީގެ ކުރިން އެހެން އެއްވެސް ގައުމަކުން ބަލައި ގަނެފައެއް ނުވެ އެވެ. އިޒްރޭލުން އެ "ދައުލަތް" ބަލައިގަތުމުގައި މުހިއްމު ލޮކޭޝަނެއްގައި އޮތް ބަނދަރުގެ ބޭނުން އަސްކަރީ އަދި ވިޔަފާރީގެ ބޭނުމަށް ހިފުންވެސް އަޑީގެ ސިއްރު ރޭވުމުގައި ވެއެވެ.

ސޯމާލިއާ ސަރުކާރުގެ ނުތަނަވަސްކަން ދަނީ ބޮޑުވަމުން، އެކަމަކު ކުރެވޭނެ ކަމެއް ނެތް

ސޯމާލިއާގެ ޑިފެންސް މިނިސްޓަރު މުއައްލިމް ފިގްހީ، ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި، އިޒްރޭލުން ރާވަމުންދަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން، ގަދަކަމުން ސޮމާލީ ލޭންޑަށް ބަދަލުކުރުމަށް ކަމަށެވެ.

އެއީ އިތުބާރުހިފޭ އެކި މަސްދަރުތަކުން ޔަގީންކުރެވިފައިވާ މައުލޫމާތެއް ކަމަށް ވެސް، އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ސޮމާލީ ލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގައި، ޣައްޒާގެ ރައްޔިތުން އެތަނަށް ގެންދިޔުމަކީ އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫން ކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ.

އިޒްރޭލުން ސޮމާލީ ލޭންޑް ބަލައިގަތުން ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށް، އެ ނިންމުން އަނބުރާ ގެންދަން އިޒްރޭލަށް ގޮވާލައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *