ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރެއް!

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ 'އޮޕަރޭޝަން އަލިމަގު’ގެ ދަށުން މިއަދު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ. އޭގެ ތެރެއިން އެކަކަކީ މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން ސިޔާސީ މާގާމެއްގައި ހުންނެވީ އަހްމަދު އަނާމް އިބްރާހިމް، 30، އައިޒަން/ގއ. ވިލިނގިލި އެވެ. އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ރާއްޖެއިން ޑްރަގު ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި 'އޮޕަރޭޝަން އަލިމަގު' މިއަދު މާލެ އާއި ގއ. އަތޮޅުގެ ބައެއް ރަށްރަށުން 10 ގެ ބަލައި ފާސްކޮށް، ހަތަރު މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.

ފުލުހުން އާންމު ކުރި ވަނަވަރުން އެނގޭ ގޮތުގައި، އެ ހަތަރު މީހުންނަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 28 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

އަނާމްއާ އެކު ދެން ހައްޔަރުކޮށްފައި ވަނީ:

  • ޝައްފާހް ލަތީފް، 28، ޝެވޯނާ/ގއ. ވިލިނގިލި
  • އަހްމަދު މަދީހު، 33، މިޔުޒިކީއާގެ/ގއ. ވިލިނގިލި
  • ނޫރުއްނިޒާމް، 35، އަރާއިރުގެ/ގއ.ވިލިނގިލި

އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ނޫރުއްނިޒާމްގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވެ އެވެ. އަދި އަނާމް ހިމެނޭހެން ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *