ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް އިޒްރޭލުން ބަލައިގަތުމުން، ރާއްޖެއިން އެކަން ކުށްވެރިކޮށްފި

ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ދިވެހި ސަރުކާރުން އިސްރާއީލްގެ މި އަމަލު ކުށްވެރިކުރީ، ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އިސްލާމީ އެއްބާރުލުންދޭ ޖަމިއްޔާ (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 22 ވަނަ ކުއްލި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ އިސްތިސްއާއި ސިޔާދަތަށް އަރައިގަތުން ކަމަށާއި، މިއީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ގާއިމުކޮށްފައިވާ އުސޫލުތަކަށް ބުރޫއަރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ގާޒާގައި ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތައް ހިނގަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުޑަކުރަމުންދާ ދިއުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސިޔާދަތީ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނޫނުތައް ބަލިކަށިވުމަކީ ގާނޫނީ ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމަށް ބަރޯސާވާ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް ނުރައްކާތެރި މިސާލެއް،"

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް

ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމީ މިދިޔަ ޑިސެމްބަރު މަހުއެވެ. މިއީ 1991 ވަނަ އަހަރު ސޯމާލިއާއިން ވަކިވި ފަހުން، ގައުމަކުން ސޯމާލީލޭންޑުގެ މިނިވަންކަން ރަސްމީކޮށް ގަބޫލުކުރި ފުރަތަމަ ފަހަރެވެ. މުހައްލިލުން ދެކޭގޮތުގައި މިއީ ރަތް ކަނޑުގެ ސަރަހައްދުގައި އިސްރާއީލުގެ ނުފޫޒު ގަދަކުރުމަށާއި، ހޫޘީންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ރޭވިގެން ކުރި ކަމެކެވެ.

މީގެ އިތުރުން، ސޯމާލިއާ އާއި ފަލަސްތީނުގެ އޮތޯރިޓީން ތުހުމަތުކުރާ ގޮތުގައި، އިސްރާއީލުގެ މި ނިންމުމުގެ ފަހަތުގައި ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން އެ ސަރަހައްދަށް ބަދަލުކޮށް ވަޒަންވެރިކުރުވުމުގެ ނުރައްކާތެރި ރޭވުމެއް އެކުލެވިގެންވެއެވެ. ނަމަވެސް ސޯމާލީލޭންޑުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

1976 ވަނަ އަހަރުން ފެށިގެން އޯއައިސީގެ މެންބަރެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައާއި އިސްލާމީ އުންމަތަށް ދިމާވާ ގޮންޖެހުންތަކުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެކެވެ. 57 މެންބަރު ގައުމު ހިމެނޭ އޯއައިސީން ދަނީ މި މައްސަލައިގައި އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *