ވެނެޒުއޭލާގެ ރައީސް ހައްޔަރުކުރުމުގައި "ސޮނިކް ވެޕަންސް" ބޭނުންކުރިކަން ހާމަވެއްޖެ؛ އެމެރިކާ ސިފައިން ވެނެޒުއޭލާއަށް ފޭބީ ޑްރޯންގެ އެހީގައި ރާޑަރުތައް ނިއްވާލާފައި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނުގައި، އަޑުގެ ބާނީ ބޭނުން ކޮށްގެން ދޭ ހަމަލާތައް ނުވަތަ 'ސޮނިކް ވެޕަންސް' ބޭނުންކޮށްފައިވާ ކަމަށް އެ ހާދިސާ ލޮލުން ދުށް މީހަކު ބުނެފިއެވެ. މި އިންޓަވިއު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރައްވައި، އެއީ ކޮންމެހެން ވެސް ކިޔާލަން ޖެހޭ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

މި އިންޓަވިއު ދީފައިވަނީ މަޑޫރޯ ހައްޔަރުކުރި ވަގުތު ކަރާކަސްގެ މިލިޓަރީ ބޭހުގައި ފޯރިމަރަން ހުރި ގާޑެކެވެ. އޭނާ ކިޔައިދިން ގޮތުގައި، ކުއްލިއަކަށް އެ ސަރަހައްދުގެ ހުރިހާ ރާޑަރު ސިސްޓަމްތަކެއް ހުއްޓުމަކަށް އައުމަށް ފަހު، ގިނަ އަދަދެއްގެ ޑްރޯންތަކެއް އެ މީހުންގެ ބޯމަތިން އުދުހެން ފެށިއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަށް ހެލިކޮޕްޓަރެއްގައި އައި އެމެރިކާގެ 20 ސިފައިން އެ ތަނަށް ފޭބި ކަމަށް އޭނާ ބުންޏެވެ.

އެ ގާޑު ބުނި ގޮތުގައި އެމެރިކާގެ ސިފައިން ބޭނުންކުރީ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީއެވެ. "އަހަރެމެންގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު ތިބި ނަމަވެސް، އެ މީހުންނާ ކުރިމަތިލާނެ އެއްވެސް ފުރުސަތެއް ނުލިބުނު،" އޭނާ ބުންޏެވެ. އަދި އެމެރިކާ ސިފައިން ބަޑިޖަހަމުން ދިޔަ ހަލުވިމިނާއި ފަރުވާތެރިކަމުން، ކޮންމެ ސިފައިންގެ މީހަކު މިނިޓަކު 300 ވަޒަން ފޮނުވާލާ ފަދަ އިހުސާސެއް ކުރެވުނު ކަމަށްވެސް އޭނާ ބުންޏެވެ.

ހަމަލާގެ ތެރެއިން އެމެރިކާ ސިފައިން އާދަޔާ ހިލާފު އެއްޗެއް ދޫކޮށްލި ކަމަށާއި، އޭގެ ސަބަބުން ބާރުގަދަ އަޑުގެ ރާޅުތަކެއް ފެތުރިގެން ދިޔަ ކަމަށް އެ މީހާ ކިޔައިދިނެވެ. "އެ ވަގުތު އަހަރެންގެ ބޯ އެތެރެއިން ގޮވާ ފަދަ އިހުސާސެއް ކުރެވުނު. އެންމެންގެ ނޭފަތުން ލޭ އަންނަން ފެށި، އަދި ބައެއް މީހުން ލޭލާފައި ހޮޑުލީ. އެ ސޮނިކް ހަތިޔާރުގެ ސަބަބުން އެންމެން ބިންމައްޗަށް ވެއްޓި، ތެދުވެ ނޫޅެވޭ ވަރަށް ނިކަމެތިވި،" އޭނާގެ ބަޔާނުގައިވެއެވެ.

އެމެރިކާގެ އެންމެ 20 ސިފައިން، އެ މީހުންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ވެނެޒުއޭލާގެ އެތައް ސަތޭކަ ސިފައިންނެއް މަރާލި ކަމަށް މި މަންޒަރު ދުށް މީހާ ވަނީ ތުހުމަތުކޮށްފައެވެ. މި ވާހަކަތަކާ ގުޅިގެން ފޮކްސް ނިއުސް އިން ސުވާލު ކުރުމުން، ވައިޓް ހައުސް އިންނާއި ޕެންޓަގަން އިން މިހާތަނަށް އެއްވެސް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *