ވަޒީފާ އިން ރިޓަޔާވުމަށް ފަހު، އެހެން މަގާމުތައް އަދާކުރާ ސިފައިންނަށް އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީން "ސިފައިންގެ ރިޓަޔަމަންޓް ގަވައިދު" އަށް މިދިޔަ ޑިސެމްބަރު މަހުގެ 21 ގައި ގެނައި އިސްލާހުގައި ބުނީ ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ވަޒީފާ އިން ވަކިވެފައިވާ މީހަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތް ނޫނީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އާ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ މީހަކަށް އިނާޔަތެއް ނުލިބޭނެ ކަމަށެވެ. އެ އިނާޔަތް އަލުން ލިބެން ފަށާނީ އެ ވަޒީފާއިން ވަކިކުރި/ވަކިވި މަސް ނިންމުމަށްފަހު، ދެން ފެށޭ މަހުގައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އެ މާއްދާ އަށް އަމަލުކުރަން ފެށުމުގެ ކުރިން ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކޮށްފައިވާ އެންމެންނަށް ވެސް، މި އާ ބަދަލު ހިނގާނެ ކަމަށް ގަވައިދުގައިވެ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު، އެ ބޭފުޅުންނަށް މަގާމުގެ މުސާރައިގެ އިތުރުން ރިޓަޔާމަންޓު އެލަވަންސް ވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބަހުޢްޓެވެ.
އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކޮށް، ގެޒެޓް ކުރުމަށް އަންގަވާފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވި އިރު ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޗްޑީސީ އާއި އެމްޓީސީސީ ފަދަ ކުންފުނިތައް ހިންގުމުގައި ވެސް ތިއްބެވީ ރިޓަޔާޑް ބޭފުޅުންނެވެ.


