ސަރުކާރުގެ ކުންފުނިތައް ހިންގަން އައްޔަނުކުރަނީ، އެ ތަން ހިންގަމުން 'ބައި އަޅާނެ' މީހެއް ކަމަށާއި ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންތައް ހިންގަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
ޗެނަލް ތޭރައިގެ ޕްރޮގްރާމެއްގައި، އުމަރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ބޭނުމަކީ ވައްކަން ކުރުން ކަމަށެވެ.
އެގޮތުން، ކުންފުނިތަކަށް މީހުން އައްޔަނުކުރަނީ، އެތަނެއް ހިންގަމުން 'ބައި އަޅާނެ' މީހެއް ކަމަށް އުމަރު ވަނީ ތުހުމަތުކުރައްވާފައެވެ. އެ ފަދަ ވައްކަންތައް ކުންފުނިތަކުގެ ތެރޭގައި ކުރަނީ، އަމިއްލަ މީހާގެ ފައިދާއަށް އެކަނި ނޫންކަން އުމަރު ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން، އުމަރު ވަނީ، ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންތައް ހިނގާއިރު، އެ ކަމެއް ފަޅާ އެރުމުން ވާނެ ގޮތް ވިދާޅުވެ ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސަށް ނުވަތަ ޕާޓީއަށް އަޅަން ޖެހޭ ބައި ނާޅައިފިނަމަ ނުވަތަ ފަޅާއަރައިފިނަމަ، އެ މީހަކު ލާނީ ޖަލަށް ކަމަށެވެ. އެހެން ނޫންނަމަ، އެ މީހަކު ހުރި ކުންފުނީގެ މަގާމު ބަދަލުކުރާނީ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ތުހުމަތު ކުރެއްވި ގޮތުގައި، ކުންފުނިތަކުގައި ހުރިހާ ކޮރަޕްޝަނެއް ހިންގަނީ، ރައީސް މުއިއްޒަށް އެނގިވަޑައިގެން ހުރެ، ދުރާލާ ރާވައިގެނެވެ.


