އެތެރޭގެ އިންތިހާބުގައި އަދާލަތު ޕާޓީން މަކަރު ހަދާނެ ކަމަށް ތުހުމަތުކޮށްފި

މި މަހު ބާއްވާ އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގެ އިންތިހާބުގައި އެ ޕާޓީގެ މިހާރުގެ ލީޑަޝިިޕުން މަކަރު ހަދާނެ ކަމަށް ތުހުމަތުކޮށް، އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިން ހުއްޓުވައި ދިނުމަށް އެދިވަޑައިގެން، އެ މަގާމަށް ކުރިމަތިލެއްވި އެއް ކެންޑިޑޭޓް ޑރ. އިކްރާމް އަބްދުއްސައްތާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފި އެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންތަކެއް އިިސްވެ އުފައްދާފައިވާ އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވިއިރު ކުރިމަތިލެއްވީ އިކްރާމްގެ އިތުރުން އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އެވެ.

އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ މި މަހުގެ 31 ގައި އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް ނަގާނީ ސިއްރު ވޯޓެކެވެ.

އެހެންވެ، އިކްރާމް އީސީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އިންތިހާބަށް ހުރަސްއެޅޭ ގޮތަށް އޮންލައިންކޮށް އިންތިހާބު ބޭއްވުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުالله އެންމެ ފަހުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓު ވެސް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާތީ އިންތިހާބުގެ ސައްހަ ކަމާ މެދު މެމްބަރުން އޭރު ވެސް ސުވާލު އުފެއްދި ކަމަށް އިކްރާމް ވިދާޅުވި އެވެ.

އޮންލައިންކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާ ނަމަ އަދާލަތު ޕާޓީގެ އޮފީހުގައި ތިބެ ވޯޓިން ސިސްޓަމާ ކުޅެ، ވޯޓުގެ މުޅި ނިޒާމުގެ ތެރެއަށް ވާދަވެރި ކެންޑިޑޭޓާއި އޭނާގެ ނާއިބު "އަތް ބާނާ" ވޯޓު ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އިކްރާމްގެ ސިޓީގައިވެ އެވެ.

"އެހެނީ އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓާއި އޭނާގެ ރަނިންމޭޓަކީ މިހާރުގެ ރައީސް އައްޝައިހް އިމްރާން އަބްދުالله ގެ ދެ ނާއިބުންނެވެ. މިހާރު ވެސް ޕާޓީ ހިންގުމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާ ދެ ބޭފުޅުން ކަމުން ޕާޓީން އޮންލައިންކޮށް ވޯޓުލާ ނަމަ އެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ އެ ބޭފުޅުންގެ ބައިވެރިވުމާއި އެހީތެރިކަމާ އެކުގަ އެވެ،" އިކްރާމް ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.

"މިގޮތަށް މިކަންކަން ހުރުމުން ވޯޓުގެ ކަންކަމުގެ ތެރެއަށް އެ ބޭފުޅުންގެ އަތްބާނައި، ވޯޓު އޮޅުވާލައި އިންތިހާބުގެ ނަތީޖާ ބަދަލުކުރާނެ ކަމާ މެދު އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރާނެ އެވެ."

މިއީ ކުއްލި ނުރައްކަމުގެ ހާލަތެއް ދިމާވެފައިވާ ދުވަސްވަރަކަށް ނުވުމުން އިކްރާމް ވަނީ އޮންލައިން ވޯޓިންގެ ބަދަލުގައި ހުޅުވިފައިވާ އިންތިހާބަކަށް ފުރުސަތު ފަހިކުރުމަށް އަދާލަތުގައި އެދެން އީސީގައި އެދިވަޑައިގެންފަ އެވެ.

އެއީ ރާއްޖޭގެ އެހެން ސިޔާސީ ޕަޓީތަކުން ވެސް ކަން ކުރަމުން އަންނަ ގޮތް ނޫން ކަން ފާހަގަ ކުރައްވައި އޭނާ ވަނީ އަދާލަތު ޕާޓީގެ އިންތިހާބީ ކަންތައްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުފެ ކިބައިން، އޮންލައިން ވޯޓް ކެންސަލްކޮށް ހުޅުވާލާފައިވާ އިންތިހާބެއް ބާއްވައިދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

"ކަރުދާހުގައި ފާހަގަ ޖަހައ،ި ފޮއްޓަށް ވޯޓުލާ އުސޫލަކީ ދިވެހި ރައްޔިތުން އިތުބާރުކުރާ އަދި އިލެކްޝަންސް ކޮމިޝަނުންވެސް އެކަމަށް ބާރު އަޅާ ނިޒާމެއްކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާއި އެ ނޫން ވެސް ފޯރަމްތަކުގައި ދައްކާފައިވާ ވާހަކަތަކުން އަޅުގަނޑަށް ޔަގީން ކުރެވިފައިވެ އެވެ." އެ ސިޓީގައިވެ އެވެ.

ދިވެހިރައްޔިތުންގެ ކުރިމަތީގައި ޢަދާލަތު ޕާޓީގެ އަގުވެއްޓި އިތުބާރު ގެއްލިފައިވާ މިފަދަ ދަނޑިވަޅެއްގައ،ި ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ އާއި ޓްރާންސްޕޭރެންސީ ހަރުދަނާ ކުރާންޖެހޭކަން ފާހަގަ ކުރައްވަމުން އިކްރާމް ވަނީ ވާނުވާ ސާފުވާގޮތަށް އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދާން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި އިކްރާމަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ފުރިހަމަ ކުރެއްވުމަށް ފަހު، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އައިޔޫއެމްގައި ގާނޫނާއި ރިސާޗުގެ މާއްދާތައް ކިޔަވައި ދެއްވުމުގެ އިތުރުން، ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުންގެންދަވާ އިކްރާމަކީ 2005 ވަނަ އަހަރުން ފެށިގެން އަދާލަތު ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *