މިފްކޯއިން ކުދި ކަންނެލި ގަންނާތީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ހިތްހަމަ ޖެހިފައި

ދައުލަތުގެ މަސްކުންފުނި، މިފްކޯ އިން ކުދި ކަންނެލި ގަންނަން ފެށުމަކީ ރަނގަޅު ފެށުމެއް ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ.

އެ ޔޫނިއަނުން މިކަން ފާހަގަކޮށްފައިވަނީ ކަނޑުއޮތްގިރި ފެސިލިޓީ އަލުން އޮޕަރޭޝަނަށް ގެނެސް، ކަންނެލި ގަންނަން ފެށުމާ ގުޅިގެންނެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކުދި އަދި ރިޖެކްޓު ކަންނެލި މިފްކޯ އަށް ގަތުމަކީ ރަނގަޅު ފެށުމަކަށް ވިއަސް، މަޝްވަރާކުރި އަގުގައި ރިޔާސީ ވައުދާ އެއްގޮތަށް މިފްކޯއަށް ބޮޑު ކަންނެލި ވީހާ ވެސް އަވަހަކަށް ގަންނަން ފެށުމަށް ގޮވައިލާ ކަމަށެވެ. ހުއްޓާލާފައި އޮތް ކަނޑުއޮތްގިރި އަލުން އޮޕަރޭޝަނަށް ގެނެސް، 15 ކިލޯ އަށް ވުރެ ބަރު ކަންނެލި ގަންނަން ފަށާފައިވަނީ އިއްޔެ އެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ހެޔޮ އެދިގެން ކަމެއް ކުރާ ނަމަ ސަރުކާރުން މަސައްކަތް ކުރާނީ އެންމެ ރަނގަޅަށް ކަންތައް ކޮށްދިނުމަށް ކަމަށެވެ. އަދި މަސްވެރިކަމަކީ ގިނަ އާއިލާތަކުން ބައިވެރިވާ ކަމެއް ކަމަށާއި، މަސްވެރިންނަށް ނިކަމެތިކަމެއް ލިބޭ ނަމަ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުން ކަންނެލި ގަންނާނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ. މީގެ އިތުރުން ކަނޑުމަސް ވެސް ގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *