އިޖުތިމާޢީ އާންމު އެހީތަކަށް އެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހެލްޕު ޑެސްކެއް

ސަރުކާރުން ހުޅުވާލާފައިވާ އިޖުތިމާޢީ އާންމު އެހީތަކަށް އެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ”ހެލްޕު ޑެސްކެއް“ ޤާއިމުކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނީ މިއަދުން ފެށިގެން އެ ޑެސްކުން ޚިދުމަތް ލިބެމުންދާނެ ކަމަށެވެ.

އެ ޑެސްކުގެ ޚިދުމަތް ހުޅުވާލާފައި ވަނީ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އާސަންދައިގެ ދަށުން ތެރަޕީގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމާއި، ތެލެސީމިއާ ކުދިންނަށް އެލަވަންސް ދިނުމަށް ނިންމާ ”ވަންގަވް“ މެދުވެރިކޮށް ޚިދުމަތަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ބައެއް ފަރާތްތަކަށް ރަޖިސްޓަރވުމުގައި ދަތިތަކެއް ހުރުމުން އެކަމަށް ޙައްލެއްގެނެސް ފަސޭހަކަމާއެކު ޚިދުމަތްދިނުމަށެވެ.

އެންސްޕާ އިން ބުނީ އެ ”ހެލްޕް ޑެސްކް“ ޤާއިމުކޮށްފައި ހުންނާނީ ހެންވޭރު ފެރީ ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާގައި ކަމަށެވެ.

ސަރުކާރު ބަންދު ދުވަސްތައް ފިޔަވާ އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:30އިން ހަވީރު 04:00 އަށް އެޑެސްކުން ޚިދުމަތް ލިބޭނެކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

އެންސްޕާއިން ބުނީ އެ ޑެސްކް މެދުވެރިކޮށް އެޕްލިކޭޝަން ފުރުމާއި ހުށައެޅުމުގެ ކަންކަން އޮޅުންފިލުވާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ހުށައަޅާފައިވާ އެޕްލިކޭޝަންގެ އަޕްޑޭޓް ބަލާލުމާއި އެންސްޕާގެ އެހެން ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތުތައްވެސް ހޯދޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *