ސަރުކާރު ކުންފުނި، ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)އިން ޕެންޝަނަށް ވާ ފައިސާ މުވައްޒަފުންގެ މުސާރައިން އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވަނީ، އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހިއްސާކުރަން އެދިފައެވެ.
އެ މައުލޫމާތު ހާމަކުރިއިރު، ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކީ، އޮކްޓޫބަރު 2024ގައެވެ. އޭގެ ފަހުން، މިދިޔަ 14 މަހު އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފައެއް ނުވެއެވެ.
ކުންފުނީގެ އޮފިޝަލަކު މީޑިއާއަށް ވިދާޅުވި ގޮތުގައި، އެ ކުންފުންޏަކީ، ފޯރުކޮށްދޭ ޚިދުމަތަށް އިންވޮއިސްކޮށްގެން ފައިސާ ހޯދާ ކުންފުންޏެކެވެ. އެ އުސޫލުން ޚިދުމަތް ފޯރުކޮށްދޭއިރު، ޕެންޝަނަށް ފައިސާ ދައްކަން ދަތިވީ އިންވޮއިސްތަކަށް ފައިސާ ނުލިބޭތީ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
"[އިންވޮއިސްތަކަށް] ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ [ޕެންޝަނަށް ފައިސާ ނުދެއްކި] މިދަނީ" ވެމްކޯގެ އޮފިޝަލް ވިދާޅުވިއެވެ.
މި ގޮތުން، އެންމެ ބޮޑު އެއްޗެއް ވެމްކޯއަށް ނުލިބި، އޮތީ މާލެ ސިޓީ ކައުންސިލުންނެވެ. އެ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން ވެމްކޯއިން ފާހަގަކުރިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިތުރަށް އެހެން އިދާރާތަކުން ވެސް ވެމްކޯއަށް ފައިސާ ނުލިބި އެބަހުއްޓެވެ. އެކަމަކު،މިހާތަނަށް އިންވޮއިސްތަކަށް ނުލިބި ހުރި މިންވަރުގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ. އެ ކަމާ ގުޅިގެން ސުވާލުކުރުމުން ވިދާޅުވީ، ޔަގީންކުރުމަށް ފަހު، ތަފުސީލު ހިއްސާކުރާނެ ކަމަށެވެ.
ޕެންޝަން ފައިސާގެ އެއްބަޔަކީ މުވައްޒަފުންގެ މުސާރައިން ކަނޑާ އަދަދެކެވެ. އަނެއް ބައި ދައްކާނީ ވަޒީފާ ދިން ފަރާތުންނެވެ. އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާކުރާނީ ވަޒީފާ ދިން ފަރާތުންނެވެ.
"މިސާލަކަށް މުވައްޒަފަކަށް ހައްގުވާ މުސާރައަކީ، 24،000 ވެއްޖިއްޔާމުން 2،000 ކަނޑާފައި އިނިއްޔާ އެ މުވައްޒަފަކަށް ޖަމާވާނީ 22،000ތާ. އެ 2،000 އަކީ އެ މުވައްޒަފެއްގެ ހައްގެއްތާ. ވާގޮތަކީ މިކޮޅަކުން ރިކުއެސްޓެއް ނުއެއް ކުރޭ އެ 2،000 ހޯދާކަށް ފިނޭންސްގައި މުސާރަ ދޭއިރަކު. ސަބަބަކީ، އެއީ ވެމްކޯއިން އަމިއްލައަށް ހޯދަން ޖެހޭ އެއްޗެއް ވީމައި," އޮފިޝަލް ތަފުސީލު ކޮށްދެއްވިއެވެ.
ޕެންޝަން ތައާރަފުކުރީ މުވައްޒަފުން ޚިދުމަތްކުރުމަށް ފަހު، ރިޓަޔާކުރުމުން އާމްދަނީއެއް ލިބޭނެ މަގުފަހިކުރާށެވެ. އެ ގޮތުން ވަޒީފާ ދޭ ފަރާތުން ހަތް އިންސައްތައާއި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާއެކު ޖުމުލަ 14 އިންސައްތަ ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހޭނެއެވެ.
އެހެންވެ، ރިޓަޔާވުމުން ލިބޭ ފައިސާގެ އަދަދު ބިނާވާނީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެ މީހެއްގެ ރިޓަޔާމަންޓް ސޭވިންސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.


