ފަލަސްތީނުގެ ޣައްޒާ ހިންގުމަށް އުފެއްދި "ބޯޑް އޮފް ޕީސް" ޗެއާ ކުރައްވާނީ އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ޣައްޒާ ހިންގުމަށް އުފެއްދި "ބޯޑް އޮފް ޕީސް" ގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އާއި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމަނައިފި އެވެ.

މި ބޭފުޅުންގެ އިތުރުން ޓްރަމްޕު އޭނާގެ ބޯޑުގައި ހިމެނުއްވި ބޭފުޅުންގެ ތެރޭގައި ޓްރަމްޕުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސްޓީވް ވިކްޓޮފް އާއި ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އާއި ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ހިމެނޭ ކަމަށް ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

މި ބޯޑުގެ ޗެއާމަންކަން ކުރައްވާނީ ޓްރަމްޕެވެ. އަދި ބޯޑުގައި ހިމެނޭ އެހެން ބޭފުޅުންގެ ނަންތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނުކުރާނެ ކަމަށް ވެސް ބުންޏެވެ.

ބްލެއާ އަކީ 2003 ވަނަ އަހަރު އިރާގު ހިފި ހަނގުރާމާގައި އަދާކުރި ދައުރުގެ ސަބަބުން މެދުއިރުމަތީގައި މަގުބޫލުކަން ކުޑަ ބޭފުޅަކަށް ވާތީ މި ބޯޑުގައި ބްލެއާ ހިމެނުން މައްސަލައަކަށް ވެދާނެ ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު ޓްރަމްޕު ވެސް ވަނީ ބްލެއާ އަކީ މި ބޯޑަށް އެކަށީގެންވާ ބޭފުޅެއްތޯ ބަލަންޖެހޭ ކަމަށާއި އެ ނަމަށް ރުހުން އޮތްތޯ ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.

ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ހެދި އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ މި ބޯޑަކީ ޣައްޒާއިން ހަމާސްގެ ވެރިކަން ނިމުމަކަށް ގެނެސް ޣައްޒާގެ ކަންކަން ދުވަހުން ދުވަހަށް ބަލަހައްޓަން އުފައްދާފައިވާ ވަގުތީ ކޮމިޓީގެ މައްޗަށް އޮންނަ ބޯޑެކެވެ.

ޣައްޒާގައި އިޒްރޭލުން ހަމަލާދީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ދެ މިލިއަން މީހުން ބަނޑަށް ޖައްސައި އިމާރާތްތައް ބިމާ ހަމަކޮށްލި ފަހުން ސުލްހައިގެ އެއްބަސްވުން ހެދީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *