ވެނެޒުއޭލާއަށް ހަމަލާދީ ރައީސް ނިކޮލަސް މަދޫރޯ "ވަގަށް ނަގައިގެން" އެމެރިކާއަށް ގެންގޮސްފައި ވިޔަސް ވެނެޒުއޭލާ ހިންގުމުގެ ކަންކަމާ ދުރުގައި، އެއްފަރާތްކޮށްފައި ހުރި މަޗާޑޯ ވިދާޅުވީ ވައިޓް ހައުސްގައި ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމުގައި ނޮބެލްގެ އެވޯޑް ޓްރަމްޕަށް ހަދިޔާކުރެއްވީ ސިޔާސީ ކަންކަމުގައި "ޓްރަމްޕުގެ ރުހުން ލިބޭތޯ" ކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު އެމެރިކާއިން ވެނެޒުއޭލާއަށް ދިން ކުއްލި ހަމަލާތަކަކަށް ފަހު މަދޫރޯ އަތުލައިގަނެ އެމެރިކާގެ ޖަލެއްގައި ހައްޔަރުކުރުމާ އެކު މަޗާޑޯއާ ބާރުތައް ހަވާލުކުރުމަށް އެތައް ބަޔަކު ގޮވައިލި އެވެ. އެކަމަކު ޓްރަމްޕު ވަނީ މަޗާޑޯއަށް ތާއީދުކުރުމަށް އިންކާރު ކުރައްވައިފަ އެވެ.

ވައިޓް ހައުސްގައި އޮތް ބައްދަލުކުރެއްވުމަށް ފަހު މަޗާޑޯ ވިދާޅުވީ ނޮބެލްގެ އިނާމު ޓްރަމްޕަށް ހަދިޔާކުރެއްވީ އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން އަދި އެއީ ޓްރަމްޕަށް ހައްގު އެވޯޑެއް ކަމަށް ވާތީ ކަމަށެވެ.

"އޭނާއަށް އެ އިނާމު ހައްގު. އެއީ [އިނާމު ހަދިޔާކުރި ވަގުތަކީ] ވަރަށް ޖަޒުބާތީ ވަގުތުކޮޅެއް،" ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މަޗާޑޯ ވިދާޅުވި އެވެ.

މަޗާޑޯއަށް ތާއީދުކުރެއްވުމުގެ ބަދަލުގައި ޓްރަމްޕު ނިންމަވާފައި ވަނީ މަދޫރޯގެ ނައިބު ޑެލްސީ ރޮޑްރިގޭޒްގެ ބެއްލެވުމުގެ ދަށުން ވެނެޒުއޭލާގެ ކަންކަން ބަދަލުކުރާށެވެ. އެއީ ވެނެޒުއޭލާގެ ތެލުގެ ރިޒާވް ބޭނުންކުރުމާ ބެހޭ ގޮތުން އެމެރިކާގެ ވިސްނުމަށް ރޮޑްރިގޭޒް ތާއީދުުކުރައްވާތީ އެވެ.

"އަޅުގަނޑު އެމެރިކާގެ ރައީސަށް ނޯބެލް ސުލްހައިގެ މެޑެލް ވާނީ ހަދިޔާކޮށްފައި،" އެމެރިކާގެ ކެޕިޓޮލް އިމާރާތުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން މަޗާޑޯ ވިދާޅުވި އެވެ.

އުމުރުން 58 އަހަރުގެ މަޗާޑޯ ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ ވެނެޒުއޭލާގެ މިނިވަންކަމަށް ޓްރަމްޕް ދެއްވާ އިސްކަން ފާހަގަކުރެއްވުމަށް ކަމަށެވެ.

އެކަމަކު، އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހަދިޔާކުރި މެޑަލް ޓްރަމްޕު ގަބޫލުކުރައްވައި ބެހެއްޓެވި ކަމެއް ނޭނގެ އެވެ.

ނޯބެލްގެ އިނާމު ދޭ ނޮބެލްގެ ކޮމިޓީން ބުނެފައިވާ ގޮތުގައި ނޮބެލްގެ އިނާމުތައް ލިބޭ ފަރާތް ނޫން އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެ އެވެ.

ނޯބެލްގެ ސުލްހައިގެ އިނާމު ލިބޭތޯ ކެނޑިނޭޅި މަސައްކަތްކުރެއްވި ޓްރަމްޕު ވިދާޅުވާ ގޮތުގައި އޭނާއަށް އެ އިނާމު ހައްގުވަނީ މިހާތަނަށް އަށް ހަނގުރާމައެއް އޭނާގެ މަސައްކަތުން ހުއްޓުވާފައި ވާތީ އެވެ. ޓްރަމްޕު ވަރަށް ބޮޑަށް އުންމީދުކުރެއްވި އެ އިނާމު މަޗާޑޯއަށް ލިބުނަސް މަދޫރޯގެ ވެރިކަމުގައި އޭނާއަށް އެ އިނާމާ ހަވާލުވެ ވަޑައިގަތުމަށް ގައުމުން ބޭރަކަށް ވަޑައެއް ނުގަނެވުނެވެ.