އަލީ އާޒިމް އާދަމް އާޒިމަށް މަރުހަބާ ކިޔައި، ދެވަނަ ދައުރަކަށް ހޮވައިދޭން މަސައްކަތްކުރާނެ ކަމަށް ބުނެފި؛ ސަބަބަކީ އެމްޑީޕީއަށް ހެޔޮ ގޮތް އެދުން

ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓް ކާމިޔާބުކުރެއްވި މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ދެ ވަނަ ދައުރަކަށް ހޮވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް، އޭނާއާ ޕްރައިމަރީގައި ވާދަކުރެއްވި އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް މިހެން ވިދާޅުވީ ޕްރައިމަރީގެ ނަތީޖާއަށް ފަހު އާދަމް އާޒިމްއަށް ގުޅުއްވައި މަރުހަބާ ވިދާޅުވަމުންނެވެ. އަލީ އާޒިމް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައިވާ އެ ކޯލްގައި ވިދާޅުވީ އެމްޑީޕީއަށް އަބަދުވެސް ކާމިޔާބީއަށް އެދޭ ކަމަށާއި އެކުގައި މަސައްކަތްކޮށްގެން އެ ގޮނޑި ކާމިޔާބުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"އެމްޑީޕީއަށް އަބަދުވެސް ކާމިޔާބަށް އެދެން. އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން [މޭޔަރުކަމުގެ ގޮނޑި އެ ޕާޓީން ނެގުމަށް]." ފޯނު ކޯލުގައި އޭނާ ވިދާޅުވެ އެވެ.

ޕްރައިމަރީ ކާމިޔާބުވުމުން، ސަޕޯޓަރުންނަށް ޝުކުރު ދަންނަވައި އާދަމް އާޒިމް ވިދާޅުވީ އެ ކާމިޔާބީ އަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އެ ޕާޓީއަކީ ވާދަވެރި އިންތިހާބުތައް ބާއްވައިގެން ކުރިއަށްދާނެ ޕާޓީއެއް ކަމަށެވެ.

"މިގޮތަށް އިންތިހާބުތައް ބޭއްވުމަކީ އަޅުގަނޑުމެން ވަރުގަދަވާ ކަމެއް. އަޅުގަނޑުމެން އެކުވެރިވާ ކަމެއް. އަޅުގަނޑުމެންގެ ގައުމުގައި ހުރި މައްސަލަތައް އެއް ފަރާތުން އަނެއް ފަރާތަށް ހާމަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް،"

އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި މުޅި ރާއްޖޭގެ ކައުންސިލްތައް ނެގުމަށް ޕާޓީ އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތްކޮށް އެމްޑީޕީގައި ކުރީގައި އޮތް ރޫހު އާލާކޮށް، "ސަރުކާރު މައިތިރި" ކުރުމުގެ މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *