އެތައް ހާސް ފްލައިޓެއް ކެންސަލްކުރި މައްސަލާގައި އިންޑިގޯ ދެ މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯ އިން މިދިޔަ ޑިސެމްބަރު މަހު އެތައް ހާސް ފްލައިޓެއް ކެންސަލްކުރި މައްސަލައިގައި ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑިޖީސީއޭ) އިން އެ އެއާލައިން 2.45 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

އިންޑިއާގެ ތާރީހުގައި ވެސް އެންމެ ގިނަ ފްލައިޓް ކެންސަލްކޮށް އަދި ދަތުރުފަތުރަށް އެންމެ ބޮޑަށް ބުރޫއެރި އެ މައްސަލައިގެ ތެރޭ އިންޑިއާގެ އެއާޕޯޓްތައް ވަނީ ބޮޑު ހައިޖާނެއްގެ ތެރެއަށް ގޮސްފަ އެވެ.

ޕައިލެޓުންނަށް ހުސް ވަގުތު ދިނުމުގައި އަލަށް އަމަލުކުރަން ފެށި އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ދެ އަހަރު ލިބުނު އިރު ވެސް އެކަށީގެންވާ ވަރަށް ޕައިލެޓުން ނުހޯދުމާއި ޑިއުޓީތައް ތަރުތީބު ނުކުރުމުން ދިމާވި މައްސަލައިގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހުނެވެ. މީގެ ތެރޭގައި ގިނައީ އިންޑިއާގެ އެތެރޭގެ ދަތުރުތަކެވެ.

ޑިޖީސީއޭ އިން ނެރުނު ބަޔާނުގައި ބުނީ މި ޖޫރިމަނާ ކުރީ ވިޔަފާރީގެ މަންފާ އާއި ކްރޫ މެންބަރުން އެކަށީގެންވާ ގޮތުގައި ބޭނުންކުރުމާ ދެމެދު އެކަށީގެންވާ ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވުމުން ކަމަށެވެ.

ޖޫރިމަނާކުރުމުގެ އިތުރުން އިންޑިގޯގެ އޮޕަރޭޝަން ކޮންޓްރޯލް ސެންޓަރުގެ ނައިބު ރައީސް ޒިންމާތަކުން އެކަހެރިކުރުމަށް ވެސް ވަނީ އަންގާފައިވެ އެވެ.

ޑީޖޭސީއޭ އިން ވަނީ އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސް އާއި އިތުރު ވެރިންނަށް އިންޒާރު ވެސް ދީފަ އެވެ. އެއީ ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ދިޔަ ގޮތް އެކަށީގެންވާ ވަރަށް ބަލާފައި ނުވާތީ އާއި މައްސަލަ ދިމާވުމުން އެކަން ހައްލުކުރުމުގައި ވެސް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތް ކަމަށް ބުނެ އެވެ.

އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ 60 ޕަސެންޓް ހިއްސާކުރާ އިންޑިގޯއިން ދުވާލު 2،000 އަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެ އެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އޭވިއޭޝަން މާކެޓެވެ. އިންޑިގޯއިން ނޮވެމްބަރު 2024 ގައި، ފުރަތަމަ ފަހަރަށް، އެއް ދުވަހެއްގައި 500،000 ފަސިންޖަރުން އުފުލާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *