ފައިސާގެ ކަންކަން އޮޅުވާލާ ކަމަށް ބުނެ ”ޓޫ އޮފް އަސް“އިން ވަކިވެއްޖެ

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިދިޔަ އަހަރު އެންމެ ނަން ވިދާލަން ފެށި ”ޓޫ އޮފް އަސް“ މިޔުޒިކު ބޭންޑުން، އެ ބޭންޑުން އެންމެ އިސް އެއް މިޔުޒީޝަން/ގިޓަރިސްޓް ކަމަށްވާ އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން ވަކިވެއްޖެއެވެ.

ޝަހީދު ލެގަސީ ”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމައިފި ކަމަށް މީގެ ދެ ދުވަސް ކުރިން އަޑު ފެތުރުނު ނަމަވެސް، އެކަން އެއިރު ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައެވެ.

ނަމަވެސް މިއަދު އޭނާ ވަނީ މިކަން ޔަގީން ކޮށްދީ، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ޝަހީދު ވަނީ، ”ޓޫ އޮފް އަސް“ ބޭންޑުން ފައިސާގެ ކަންކަމުގައި މަކަރު ހަދާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ޝަހީދު ބުނީ މި ނިންމުމަކީ އޭނާއަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ވަކިވާން ނިންމީ އެކަމާމެދު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށް ފަހު ކަމަށެވެ.

”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމީ އިތުރު ގޮތެއް ނެތުމުން ކަމަށާއި ދިވެހި މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ސަޕޯޓަރުންނާއި ފޭނުންނަށް އެނގުން މުހިންމު ކަމަށް އޭނާ ދެކޭތީ ކަމަށް ވެސް އެ ބަޔާނުގައި ޝަހީދު ބުނެފައިވެއެވެ.

ބަޔާނުގައި ޝަހީދު ފާހަގަކުރި ގޮތުގައި އޭނާ ”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި، އެ ބޭންޑުގެ މާލީ ކަންކަން ދެ ފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިޔުން ހިމެނެއެވެ. އަދި އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދިނުމަކީ އެ ބޭންޑުގައި ދެމިހުރުން އުނދަގޫވި ކަމެއް ކަމަށާއި އެއީ އޭނާގެ 25 އަހަރުވީ މިޔުޒިކީ ދާއިރާއަށް ވެސް ކުރިއެރުން ނުލިބުން ކަމުގައި ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.

ޝަހީދުގެ ބަޔާނުގައި މީގެ އިތުރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ބޭންޑުގެ މިހާރުގެ އޮނިގަނޑު ރޭވިފައި އޮތީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ބަދަލުގައި، އެކަކު ބޭނުންވާ ގޮތަށް ހިންގާ ”ވަން މޭން ޝޯ“ އެއްގެ ގޮތަށެވެ. އަދި ބޭންޑުގެ މިއުޒިކީ މިސްރާބު އޭނާގެ ސްޓައިލާއި ކްރިއެޓިވިޓީއާ ދުރަށް ދިއުމުގެ އިތުރުން، އާ އުފެއްދުންތަކެއް ނެތުމުން ބޭންޑަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމަށް ހުރަސް އެޅޭ ކަމުގައި ވެސް ޝަހީދު ބުނެފައިވެއެވެ.

”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމި ކަމުގައި ވިޔަސް، އިންޑިއާގެ ރިއަލިޓީ ޝޯ ”ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް“ގައި ބައިވެރިވުމަށް ފުރުސަތު ލިބުނު ޝަރަފެއް ކަމަށާއި އެކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް ވެސް ޝަހީދު ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *