މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯތީގެ މަސައްކަތްތައް މި ދައުރުގައި ނިންމައި، ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލާން މިއަދު ހުޅުވާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ މީގެކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނިންމައި، އެ ސަރުކާރެއްގައި ހަވާލުކުރެވިފައި ނުުވާ ކަމަށެވެ. އެކަމަކު މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"2008 ގެ ފަހުން އެއްވެސް ސަރުކާރަކަަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓްތަކެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައެއް ނުވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލުކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ މި މަސައްކަތްތައް ނިންމައި މީހުންނަށް ދިރިއުޅެވޭވަރު ކުރުން،" މުއްތަލިބު ވިދާޅުވި އެވެެ.
މުއްތަލިބު ވިދާޅުވީ މި ދައުރުގައި ރަޖިސްޓްރީ ހަދައި އިން ވަކިކޮށް ގޯތިތައް ވެސް ހަވާލުކުރާނެ ކަމަށެވެ. އަދި މިއަދު އިއުލާނުކުރި ފްލެޓު މަޝްރޫއުއަކީ ވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތަކެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދައުރު ތެރޭގައި ގޯތިތައް ދީ ރަޖިސްޓްރީ ހަދައިދީ އިންވަކިކޮށްދީ ގޯތި ހަވާލުކުރާނަން. އަޅުގަނޑުމެން އިއުލާންކުރާ 7،900 ފްލެޓަކީ މިހާތަނަށް ފައިނޭންސް ޔަގީންވެފައިވާ ފްލެޓުތަކުގެ އަދަދު."
މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން އަޅާ ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ބީއެމްއެލްއާ ހަވާލުކޮށްގެން ހަދާ 2،000 ފްލެޓްގެ މަޝްރޫއު އާއި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓާއި ސައުދީ ފަންޑާއި އެހެނިހެން ބޭރުގެ އެހީތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.
ހައުސިން މިނިސްޓްރީން ވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ހުޅުވާލައިފަ އެވެ.
ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.
ފްލެޓް އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ކަނޑައަޅާފައިވެ އެވެ. އަދި ބާކީ 2،400 ހާއްސަ ކެޓަގަރީތަކަށެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަންސްގެ މުވައްޒަފުންނާއި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް އެ ކެޓަގަރީގައި ފްލެޓް ހާއްސަކޮށްފައިވެ އެވެ.


