އިންތިހާބުވެއްޖެނަމަ 24 ގަޑިއިރު ހުންނަވާނީ ހިދުމަތުގައި: ޖަލީލު

މާލެ ސިޓީ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ ހިދުމަތުގައި އެމަނިކުފާނު ހުންނަވާނީ 24 ގަޑިއިރު ތައްޔާރަށް ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.

ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އެމަނިކުފާނާ ހަވާލުކުރެއްވި ކޮންމެ މަސައްކަތެއްގައި ވެސް އިސްކޮށްފައިވަނީ ގައުމުގެ މަސްލަހަތު ކަމަށާއި، މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވަނީ އެ އަޒުމުގައި ކަމަށެވެ. ޖަލީލު ވިދާޅުވީ އެމަނިކުފާނު ހިދުމަތްކުރައްވާނީ ވަކި ފިކުރެއް، ވަކި އިންތިއެއް، ވަކި ފަންތިއެއް ބެލުމެއްނެތި މުޅި ގައުމުގެ ހައްގުގައި ކަމަށެވެ.

އިންތިހާބުވެއްޖެނަމަ އެންމެ ބޮޑު އަމާޒަކީ ސަރުކާރާ ގުޅިގެން ރައްޔިތުން ބޭނުންވާ އެންމެހާ ކަންކަން ފުއްދައިދިނުން ކަމަށާއި، އަދި ވަކިން ހާއްސަކޮށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ސައްތައިން ސައްތަ އެއްބާރުލުން ދިނުން ކަމަށްވެސް ޖަލީލު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ތައުރީފުކުރައްވަމުން ޖަލީލު ވިދާޅުވީ، މާލޭގެ ރައްޔިތުން އެދޭ ފަދަ ކައުންސިލެއް ވުޖޫދުވީ 2021 ވަނަ އަހަރު މޭޔަރު ކަމަށް ރައީސް މުޢިއްޒު އިންތިހާބުވި ހިސާބުން ކަމަށާއި، ހިދުމަތުގައި ހޭދަކުރެއްވި ދެ އަހަރާއި ފަސް މަހަކީ މާލެއަށް އައި ތަރައްގީގެ ރަން ޒަމާނެއް ކަމަށެވެ.

ޖަލީލު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު މާލޭގެ ގެތަކަށް ސިލްސިލާކޮށް ޒިޔާރަތްކުރެއްވި ކަމަށާއި އެދުނު ކޮންމެ އެޕޮއިންޓްމަންޓަކަށް ރައްޔިތުންނާ ބައްދަލުކުރައްވައި ބަރާބަރަށް ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވި ކަމަށެވެ.

މޭޔަރު ކަމަށް ކުރިމަތިލައްވަނީ ރައީސް ޑރ. މުޢިއްޒުގެ ފިޔަވަޅުފުޅު މަތީ އެމަނިކުފާނު ހިންގެވި މަގު ހިޔާރުކޮށް އަދި އެމަނިކުފާނުގެ ހިންމަތާއި ހިއްވަރު ނަމޫނާއަކަށް ބަލައިގެން ކަމަށް ވެސް ޖަލީލު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުގެ އިތުރުން ބައެއް މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *