އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބެލުމުގެ ދަށުން ޣައްޒާގެ ކަންކަން ހިންގަން ކަނޑައަޅާ ބޯޑުކަމުގައިވާ "ބޯޑް އޮފް ޕީސް" ގައި ގައުމުތަކުން ދާއިމީ މެންބަރުންގެ ގޮތުގައި ތިބުމަށް 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހޭ ގޮތަށް އެ ޖަމާއަތުގެ ދަސްތޫރު އެކުލަވާލައިފި ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ.
ބްލޫމްބާގަށް ފެނިފައިވާ މި ބޯޑުގެ ޗާޓަރުގެ ޑްރާފްޓްގައިވާ ގޮތުން، ބޯޑުގެ ފުރަތަމަ ޗެއާމަނަކީ ޓްރަމްޕެވެ. އަދި މެންބަރުންގެ ގޮތުގައި ބައިވެރިވާ ގައުމުތަކާ މެދު ވީޓޯ ކުރުމުގެ ބާރު ވެސް އޭނާއަށް ލިބިވަޑައިގަންނަވައެވެ. މި ލިޔުމުގައިވާ ގޮތުން ގައުމުތަކަށް މެންބަރުކަން ލިބޭނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް، ފުރަތަމަ އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރު ނަގުދު ފައިސާއިން ދައްކާ ގައުމުތަކަށް ދާއިމީ މެންބަރުކަން ކަށަވަރުވާނެއެވެ.
މި ޗާޓަރުގައި ބުނެފައިވަނީ ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށްޓަކައި މިހާރު ހުރި، ނާކާމިޔާބުވެފައިވާ މުއައްސަސާތަކާ ވަކިވެ، މިއަށްވުރެ ހަލުވި އަދި ހަރުދަނާ ނިޒާމެއް ބޭނުންވާ ކަމަށެވެ. މި ބަސްމަގުގެ ސަބަބުން، ޓްރަމްޕް މަސައްކަތް ކުރައްވަނީ އދ. އާ ވާދަވެރި ޖަމާއަތެއް އުފެއްދެވުމަށް ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. މި ބޯޑުގެ މައިގަނޑު މަގްސަދަކީ ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި ހަމަޖެހުން ގާއިމުކޮށް، ގާނޫނީ ވެރިކަން އަލުން އިއާދަކުރުމެވެ.
ޣައްޒާ އަލުން އާރާސްތުކުރުމާއި ވަގުތީ ގޮތުން އެ ސަރަހައްދު ހިންގުމަށް އެކުލަވާލާ މި ބޯޑުގައި ބައިވެރިވުމަށް މިހާރުވެސް ބައެއް ގައުމުތަކަށް ވަނީ ދައުވަތު އަރުވާފައެވެ. އޭގެ ތެރޭގައި މިސްރު، ތުރުކީ، އާޖެންޓީނާ، ކެނެޑާ، ޕާކިސްތާން އަދި އުރުދުން ހިމެނެއެވެ. އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި ވަނީ މިއީ ލިބޭ ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ބައެއް ގައުމުތަކުން ބުނަމުންދަނީ މި ޗާޓަރުގައިވާ ކަންކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މި ބޯޑަށް ލިބޭ ފައިސާ ކޮންޓްރޯލް ކުރައްވާނީ ސީދާ ޓްރަމްޕް ކަމަށް ދޭހަވާ މޭރުމަކުން ޗާޓަރުގައި ލިޔެފައިވުމުން، ބައެއް ގައުމުތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، މެންބަރުން ދައްކާ ފީ ބޭނުންކުރާނީ ޣައްޒާގައި ކުރަންޖެހޭ މަސައްކަތްތަކަށް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވަނީ މި ބޯޑުގެ މެންބަރުންގެ ގޮތުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި އެމެރިކާގެ ފޮރިން ސެކްރެޓަރީ މާކޯ ރޫބިއޯ ހިމެނޭހެން ހަތް ބޭފުޅަކު އައްޔަންކުރައްވާފައެވެ. މީގެ އިތުރުން ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ އާއި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ ވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.


