މޫސާ އަލީ ޖަލީލަކީ ވަރަށް ހިންގުންތެރި، ވިސްނުންތެރި، ތެދުވެރި ވަރަށް އިހުލާސްތެރި ބޭފުޅެއް: ފަލާހު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ މޫސާ އަލީ ޖަލީލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަދައިން އިހުލާސްތެރި ތެދުވެރި ބޭފުޅެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީޖީ ލީޑަރު ފަލާހު މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ނިކުންނަވާ މޫސާ އަލީ ޖަލީލުގެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި އޮފީހަކީ ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓްގެ ތިރީގައި ހުންނަ ޕީއެންސީގެ އޮފީހެކެވެ. އެތަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމުނު ރިޔާސީ އިންތިހާބުގައި ކެމްޕޭން މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތަނެވެ.

ފަލާހު ވިދާޅުވީ ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލެއްވުމުން ބޮޑު އަގުލަބިއްޔަތަކުން މާލޭގެ ރައްޔިތުން އެމަނިކުފާނު އެ މަގާމަށް އިންތިހާބުކުރި ކަމަށެވެ. އަދި އެމަނިކުފާނު މޭޔަރުކަމުގައި ރައްޔިތުން އުންމީދު ކުރި ވަރަށް ވުރެވެސް ހެޔޮ ބަދަލުތަކެއް މާލެ ސިޓީއަށް ގެނެސް ދެއްވި ކަމަށާއި އޭގެ ސަބަބުން 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނަށް ފުރިހަމަ އަގުލަބިއްޔަތަކުން ތާއީދު ކުރެއްވިކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވީ ވަރަށް ފުރިހަމައަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ.

"މިއަދު ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް މި ނިކުންނަވަނީ ހަމަ އެފަދަ، އެމަނިކުފާނުގެ (ރައީސް މުއިއްޒުގެ) ވައުދުތައް ރަނުންރަނަށް ފުއްދުމުގައި ސަރުކާރަށް އެހީތެރިވެދޭނެ، އެއްބާރުލުން ދެއްވާނެ، އަދި މާލޭގެ އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާ، އަދި މާލޭގައި ދިރިއުޅޭ ރާއްޖޭގެ އެހެން ރައްޔިތުންވެސް ތަފާތު ނުކުރައްވާ އެކަން ކުރައްވާނެ ބޭފުޅެއް މޫސާ އަލީ ޖަލީލަކީ،" ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވިއެވެ.

މޫސާ އަލީ ޖަލީލަކީ ވަރަށް ހިންގުންތެރި، ވަރަށް ވިސްނުންތެރި އަދި ވަރަށް ކުޅަދާނަ ބޭފުޅެއްކަމަށާއި އެއީ ވަރަށް ތެދުވެރި ވަރަށް އިހުލާސްތެރި ބޭފުޅެއްކަމަށް ފަލާހު ވިދާޅުވި އެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ރައްޔިތުންނަށް އެކަމުގެ ލާބަޔާ މަންފާ ކުރާނެ ގޮތަކަށް އެކަން ކުރައްވާނެ ބޭފުޅެއްކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލަށް ތާއީދު ކުރަން ޖެހޭ އެއް ސަބަބަށް ވުރެ މާ ގިނަ ސަބަބުތައް އެބަ ހުރި ކަމަށާއި އެބޭފުޅާ އަކީ މިއަދާ ހަމައަށް މި ގައުމަށް އެކި އެކި މަގާމުތަކުގައި ވަރަށް އިހުލާސްތެރިކަމާއެކު ރައްޔިތުން ގަބޫލު ކުރައްވާ ފެންވަރަށް ވުރެ މަތިކޮށް އެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއްކަމަށް ފަލާހު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *