ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެ ވަނީ ވާންވީ ގޮތް ކަމަށާއި އެ ކަމާ ހިތާމަކުރާނެ އެކަކު ވެސް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއަކު ސިލްސިލާކޮށް، ބާއްވަވާ ޓައުން ހޯލް ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ސަރުކާރުގެ ކުރީކޮޅު އަބްދުއްރަހީމް އުޅުއްވީ ބޭނުން ގޮތަކަށް ކަމަށެވެ. އެކަމަކު، މިހާރު އަބްދުއްރަހީމަށް އެ ވަނީ ވާންވީ ގޮތް ކަމަށާއި އެ ކަމާ ހިތާމަކުރާނެ މީހަކު ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ، އަބްދުއްރަހީމާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު ހީނަރުވެފައި އޮތް ގުޅުމުގެ މައްޗަށެވެ.
ޔާމީން އެ ފަދައިން ވިދާޅުވިއިރު، ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންކަމުގައި ވެސް ހުންނެވި އަބްދުއްރަޙީމަކީ ރައީސް އިންތިޚާބުވީއިރު، އެންމެ އަރިސް އެއް ބޭފުޅާއެވެ. އެހެންނަމަވެސް ފަހުން އެ ގުޅުން ހީނަރުވި ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
"ދެން ތި އަބްދުއްރަހީމް. ހަމަ ވާންވީ ގޮތް ތި ވަނީ. ކާކު އެ ކަމާ ހިތާމަކުރަނީ. ތިކަމާ ހިތާމަކުރާނެ މީހަކު ނޫޅޭނެ," ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވިއެވެ.
ޔާމީން ވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހަށް ވެސް ފާޑުވިދާޅުވެފައެވެ. މި ގޮތުން، ފަލާހަކީ، އަބްދުއްރަހީމާއި ރައީސް މުއިއްޒާ ދެމެދުގައި ހުރި 'ކަދުފަތި' ކަމަށްވާނަމަ، އޮޔާ ބީވެގެން ދާނެ މިންވަރު އެނގިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރަށް، އަބްދުއްރަހީމަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ 'އަރާއިރެއް' ވިއްޔާ އޮއްސޭނެ ކަމަށެވެ.
"އެއީ، ފިތުރަތުގެ ނިންމުން. އެ ކަންކަން ނޭނގިގެން އެނބުރި ގަތީމާ ވާނެގޮތް ތި ވަނީ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.
އިތުރަށް އެ މަނިކުފާނު ވިދާޅުވީ، އަބްދުއްރަހީމަށް ރައީސް ޖައްސަވާފައި ހުރި 'ސަކަރާތް' އެނގޭނެ ކަމަށާއި ރައީސަށް އަބްދުއްރަހީމް ކުރެއްވި ކަންކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ، ދެ ބޭފުޅުންނަށް ވެސް ވާހަކަ ދެއްކެން ނެތް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
އެއާއެކު، އެ ކަންކަމާ އެއްވެސް ވަރަކަށް ދެރަ ނުވާ ކަމަށާއި އަތްތިލަ ޖަހާފައި 'ކުޅި ބަލަން' ހުންނަވަނީ ދުރުގައި ކަމަށް މަޖާޒީ ގޮތެއްގައި ޔާމީން ވިދާޅުވިއެވެ.
އަބްދުއްރަހީމަށް ޔާމީން ފާޑުވިދާޅުވިއިރު، މި ސަރުކާރު ވެރިކަމަށް އައިއިރު ރައީސާ އެންމެ ގާތް ބޭފުޅަކީ އަބްދުއްރަހީމެވެ. އެ ގުޅުމަށް ހީނަރުކަން އައީ، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ފަހުންނެވެ.
ފައިސަލް ވަކިކުރިޔަސް ރައީސާއި އަބްދުއްރަހީމާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އޭރު ވިދާޅުވިއެވެ. އެކަމަކު، އަބްދުއްރަހީމް ވަނީ ރައީސާ ދެމެދު އޮތް ގުޅުން ހީނަރުވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ.
މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ނަމަވެސް، މިހާރު އަބްދުއްރަހީމް ހަރަކާތުން ފެނިވަޑައިގަންނަވަނީ މަދު ފަހަރެއްގައެވެ.


