މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދުކުރަން ގާސިމް ޕާޓީން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި މާމިގިލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް އިންތިޚާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތްތަކަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އެގޮތުން ހުރިހާ ދާއިރާތަކަށް ވާދަކުރުމާ މެދު ނުވަތަ އެހެން ޕާޓީއަކަށް ތާއީދުކުރުމާ މެދު ކައުންސިލް މެންބަރުންގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި މަޝްވަރާތަކަށްފަހު ޖޭޕީގެ ކައުންސިލުން ނިންމީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހަމައެކަނި މާމިގިލި ދާއިރާއަށް ކެނޑިޑޭޓުން ނެރުމަށެވެ. އަދި މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ކައުންސިލުން ވަނީ އިއްތިފާގުވެފައެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޕީއެންސީގެ ކެނޑިޑޭޓުން ވާދަކުރާނެއެވެ.

ޕީއެންސީއިން މިހާރު ވަނީ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށްފަހު، އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުންވެސް ރަސްމީކޮށް ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *