56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް އެމްޕީއެލުން ފޮނުވަން ފަށައިފި

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެމްޕީއެލް އިން އެ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.

މި އެމްބިއުލާންސްތައް ރަށްތަކާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ރަށްރަށުގައި ހުރި ދަތިތައް ދެނެގަތުމަށްފަހު ފެއްޓެވި މަސައްކަތެކެވެ.

ސިއްޙީ ނިޒާމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުލިބުން ކަމަށްވާތީ، އެކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ޚާއްޞަ ސިޔާސަތުތަކެއް ކަނޑައަޅާފައެވެ.

މި މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުންނެވެ. އެގޮތުން ގެނައި ފުރަތަމަ 56 އެމްބިއުލާންސް މިހާރު ވަނީ ރަށްރަށަށް ފޮނުވަން ފަށާފައެވެ.

އެމްޕީއެލްއިން ވިދާޅުވި ގޮތުގައި މި މަހުގެ ނިޔަލަށް ހުރިހާ އެމްބިއުލާންސްތަކެއް ރަށްރަށަށް ފޮނުވައި ނިންމާލެވޭނެއެވެ.

ޖުމްލަ 65.3 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ތިން ބުރަކަށް ބަހާލައިގެން ހުރިހާ އެމްބިއުލާންސްތަކެއް މި މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް ގެނެސްފައެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި، މި 56 އެމްބިއުލާންސްގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް އައު އެމްބިއުލާންސް ފޯރުކޮށްދެވޭނެއެވެ. އަދި ގްރޭޓަރ މާލޭ ސަރަހައްދާއި އެހެނިހެން ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *