އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ: ރައީސް

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނަސަބަތުގައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރު ކަމަށެވެ.

”ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ.“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު އަޅުގަނޑުމެން އާކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.

”އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ. މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ޤައުމު ދެމިއޮންނާނެ.“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *