ދީނީ އިލްމުވެރިޔާ ޝައިހް އަބްދުލްއަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ޝައިހް އަޒީޒުގެ ދަރިކަލުން އަހްމަދު ކުމައިލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައްޕައަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަދި ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. ނަމަވެސް ޝައިހްގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ޝައިހް އަބްދުލްއަޒީޒް ހުސައިން އަކީ ރާއްޖޭގެ ދީނީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިއެއްގެ ގޮތުގައާއި އަރަބިއްޔާ ސްކޫލަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޝައިހް އަޒީޒަކީ ޒަމްޒަމް ޙައްޖު އެންޑް އުމްރާ ގްރޫޕުގެ އިސްވެރިޔާ ވެސް މެއެވެ.