ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ލ.އަތޮޅު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުން ގަން ބަލިކޮށް، އިސްދޫން އަތޮޅު ތަށި ދިފާއުކޮށްފި އެވެ.
އިސްދޫން މިދިޔަ އަހަރުގެ މުބާރާތުގައިވެސް އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގަން ބަލިކުރުމަށްފަހު އެވެ. މިއަހަރު ގުރޫޕް ސްޓޭޖުގައިވެސް އިސްދޫން ވަނީ 3-1 ގެ ނަތީޖާއަކުން ގަން ބަލިކޮށްފަ އެވެ.
ގުރޫޕުގެ އެއްވަނަ ހޯދުމަށްފަހު އިސްދޫ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި މުންޑޫ ބަލިކުރުމަށްފަހު އެވެ. އަދި ގަމުން ވަނީ ސެމީ ގައި ޕެނަލްޓީ ޖަހައިގެން މާވަށް ބަލިކޮށްފަ އެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ގަމުންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަހުމަދު ހަލީމް (އައްމަޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން ގަމަށް ލަނޑު ޖަހައިދިނީ އަހުމަދު އަޖުވަދު (އަޖޭ) އެވެ.
އިސްދޫން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ދެވަނަ ހާފުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން އަލީ ހުމޭޒެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމާއެކު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.
ޕެނަލްޓީގައި އިސްދޫން ވަނީ ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ހަ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ހުސައިން އަފްހާން ޖެހި ޕެނަލްޓީ ދަނޑި ކައިރިން ބޭރަށް ދިޔަ ނަމަވެސް، އޭގެ ފަހުން ޕެނަލްޓީ ޖެހި ހުރިހައި ކުޅުންތެރިންވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
ގަމުން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފަސް ޕެނަލްޓީއެވެ. އެ ޓީމުގެ އަލީ ޝާމިސް (ތޮއްޕެ) ޖެހި ޕެނަލްޓީ ދަނޑިއަށް އަމާޒުވިއިރު، މުހައްމަދު އަކުމަލް ޖެހި ޕެނަލްޓީ، އިސްދޫގެ ކީޕަރު ވިސާމް އަބްދުﷲ ވަނީ ދިފާއުކޮށްފަ އެވެ.
މިއަހަރުގެ މުބާރާތުގައި ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އިސްދޫ ޓީމުގެ އަލީ މީސާގް އީސާ (މީއްޓެ) އެވެ.


