އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި، ޣައްޒާގެ ކަންކަން ބެލެހެއްޓުމަށާއި އެ ސަރަހައްދު އަލުން އާރާސްތުކުރުމަށް "ބޯޑް އޮފް ޕީސް" ގެ ނަމުގައި އުފެއްދެވި އާ ބައިނަލްއަގުވާމީ އިދާރާއަށް ގުޅުމަށް ޓްރަމްޕް ފޮނުއްވި ދައުވަތު މިހާތަނަށް 15 ގައުމަކުން ބަލައިގެންފި އެވެ.
ޓްރަމްޕްގެ 'ބޯޑް އޮފް ޕީސް' އާއެކު މުޅި ދުނިޔޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ވައިޓް ހައުސްއިން ބުނާ ގޮތުގައި މިއީ ހަމަޖެހުމާއި ގާނޫނީ ވެރިކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތެކެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން މިކަން ސިފަކުރަނީ ޓްރަމްޕްގެ އަމިއްލަ ނުފޫޒު ގަދަަކުރުމަށް އުފެއްދި "ފައިސާ ދީގެން ބައިވެރިވާ ކުލަބެއް" ގެ ގޮތުގަ އެވެ.
މި އިދާރާގެ ބޯޑުގައި މިހާތަނަށް ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ 15 ގައުމުގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ޔޫއޭއީ، ބަހްރައިން، މޮރޮކޯ އަދި އިސްރާއީލް ހިމެނޭއިރު، ޔޫރަޕާއި މެދުތެރޭ އޭޝިއާގެ ހަންގޭރީ، ބެލަރޫސް، އަލްބޭނިއާ، އަރުމޭނިއާ، ކަޒަކިސްތާން އަދި އުޒްބެކިސްތާން ފަދަ ގައުމުތައްވެސް ހިމެނެ އެވެ. މީގެ އިތުރުން ދެކުނު އެމެރިކާގެ އާޖެންޓީނާ އާއި ޕެރަގުއޭގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާއިން ވިއެޓްނާމް ވެސް ވަނީ މި ލިސްޓުގައި ހިމެނިފަ އެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މި މަސައްކަތަށް ތައުރީފު ކުރައްވައި ބޯޑުގައި ބައިވެރިވުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެވަޑައިގަތް ނަމަވެސް، ކެނެޑާއިން ވަނީ ވަރަށް މުހިންމު ނިންމުމެއް ނިންމާފަ އެވެ. އެއީ މި ބޯޑުގެ ދާއިމީ ގޮނޑިއެއް ހޯދުމަށް ދައްކަންޖެހޭ ބޮޑު ފީ ދެއްކުމަށް ކެނެޑާ ސަރުކާރުން އިންކާރު ކުރުމެވެ. މިކަމުން ދޭހަވަނީ ބައެއް ގައުމުތަކުން މި އިދާރާއާ ގުޅުނު ކަމުގައިވިޔަސް، އޭގެ ހުރިހާ ޝަރުތުތަކަކަށް އެއްބަސްނުވާ ކަމެވެ.
މި އިދާރާގެ އެންމެ ބޮޑު އެއް މައްސަލައަކީ މެންބަރުކަމަށް ކަނޑައަޅާފައިވާ އެއް ބިލިއަން ޑޮލަރުގެ ފީއެވެ. ޓްރަމްޕްގެ ބާރުގެ ދަށުގައިވާ ފަންޑަކަށް މި ފައިސާ ދައްކާ ގައުމުތަކަށް ނޫނީ ދާއިމީ މެންބަރުކަން ނުލިބޭ ގޮތަށް އޮތުމަކީ ބައިނަލްއަގުވާމީ ޑިޕްލޮމަސީގައި މީގެ ކުރިން ފެނިފައިނުވާ ކަމެކެވެ. ފައިސާ ނުދައްކާ ގައުމުތަކަށް ބޯޑުގައި ތިބެވޭނީ އެންމެ ތިން އަހަރުގެ މުއްދަތަށެވެ. މިއީ ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ކަމެކެވެ.
ފްރާންސާއި ނޯވޭ ފަދަ ގައުމުތަކުން ވަނީ މި ދައުވަތަށް ސީދާ ދެކޮޅު ހަދާފަ އެވެ. ފްރާންސުން ގަބޫލުކުރާ ގޮތުގައި މި ބޯޑަކީ އދ. ގެ ދައުރު ކަނޑުވާލައި، ދުނިޔޭގެ ނިޒާމު ހަރާބުކޮށްލުމަށް ކުރެވޭ ކަމެކެވެ. މީގެ ރައްދުގައި ޓްރަމްޕް ދެއްވި އިންޒާރުތަކަކީ ވެސް މަސްރަހު އިތުރަށް ހޫނުކުރި ކަމެކެވެ. ފްރާންސުން 'ބޯޑް އޮފް ޕީސް' އާ ގުޅެން ދެކޮޅު ހެދުމުން، އެ ގައުމުގެ ވައިން އާއި ޝެމްޕޭނުން 200 އިންސައްތައިގެ ޓެކްސް ނަގާނެ ކަމަށް ބުނެ ޓްރަމްޕް ވަނީ ބިރުދައްކަވާފަ އެވެ.
އިނގިރޭސިވިލާތާއި ޔޫކްރެއިނުން ކަންބޮޑުވުން ފާޅުކުރަނީ މި ބޯޑަށް ރަޝިއާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް ދައުވަތު ދީފައިވާތީ އެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ހަނގުރާމައެއް ފަށައިގެން އުޅޭ ގައުމެއްގެ ވެރިއަކާއެކު ސުލްހައިގެ މަސައްކަތުގައި އެއް މޭޒެއްގެ ދޮށުގައި އިށީނުމަކީ ތަސައްވަރު ކުރަން ވެސް ދަތި ކަމެކެވެ. މީގެ އިތުރުން ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި ބާރުތަކުން އަދިވެސް ތިބީ ވަކި ގޮތެއް ނުނިންމައި، މަސްރަހު ދިރާސާ ކުރާށެވެ.
ބޯޑުގެ ދާއިމީ ގޮނޑިތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި ރައީސް ޓްރަމްޕްގެ އަތްޕުޅުގަ އެވެ. ޑްރާފްޓް ޗާޓަރުގައިވާ ގޮތުން މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމަވާނީ އެމަނިކުފާނެވެ. މީގެ ސަބަބުން މި އިދާރާއަކީ ގައުމުތަކުގެ މެދުގައި އޮންނަ ހަމަހަމަ ގުޅުމަކަށްވުރެ ބޮޑަށް، އެމެރިކާގެ ރައީސްގެ އަމިއްލަ ނިންމުންތަކެއްގެ މައްޗަށް ބިނާވެފައިވާ ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި މި "ބޯޑް އޮފް ޕީސް" އަކީ އދ. އަށް ވުރެ މާ ހަރުދަނާކޮށް މަސައްކަތް ކުރާނެ ތަނެކެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އަކީ ހަމައެކަނި ޣައްޒާގެ މައްސަލައަށް އޮތް ހައްލެއް ނޫންކަން މިހާރު ވަނީ ސާފުވެފަ އެވެ. މިއީ ދުނިޔޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، އދ. ފަދަ އިދާރާތަކުގެ ބަދަލުގައި ޓްރަމްޕްގެ އަމިއްލަ ބާރު ހިނގާނެ އާ މުއައްސަސާއެއް ބިނާކުރުމުގެ ފެށުމެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގައުމުތަކުން މިކަމާ މެދު ނިންމާ ގޮތަކުން، ދުނިޔޭގެ ސިޔާސީ ޗާޓަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.


