ނުވަރަ އެލިޔާގެ ބައެއް ހިސާބުތަކަށް ފޭބި ފިނި ގަނޑުވާ ވަރަށް ފިނިވެއްޖެ؛ ދަނޑުވެރިކަމަށް ހުރަސް

ސްރީ ލަންކާގެ އެންމެ ފިނި ސަރަހައްދު ކަމަށްވާ ނުވަރަ އެލިޔާގައި އާންމުކޮށް ފިނިހޫނުމިން ދަށް ނުވާ ވަރަށް މި ދުވަސްވަރު ދަށަށް ގޮސް ބައެއް ހިސާބުތަކަށް ފޭބި ފިނި ގަނޑުވާ ވަރަށް ފިނިވެއްޖެ އެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ބުނީ އިއްޔެ ނުވަރަ އެލިޔާގައި 5 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން ދަށަށް ދިޔަ ކަމަށެވެ. މި ފިނީގައި އިއްޔެ ހެނދުނު ބައެއް ހިސާބުތަކުގައި ވަނީ ފިނި ގަނޑުވެ [ފްރޮސްޓް] ގެ އަސަރު ކޮށްފަ އެވެ.

މިއީ ނުަވަރަ އެލިޔާއަށް އާ ކަމެއް ނޫން ނަމަވެސް މިއީ އާންމުކޮށް ޑިސެމްބަރު މަހު އެ ސަރަހައްދަށް ފިނި މޫސުން ފެށޭއިރު ކުރެވޭ ތަޖުރިބާއެކެވެ. އެކަމަކު މި އަހަރު މި މަހުގެ ކުރީކޮޅު ވެސް މިގޮތަށް ފްރޮސްޓުގެ އަސަރު ކުރި ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ފްރޮސްޓުގެ އަސަރު ކުރި ތަންތަނުގެ ތެރޭގައި ނުވަރާ އެލިއާ ރޭސްކޯހާއި ލޭކް ގްރެގޮރީ ގްރައުންޑްސް ހިމެނެ އެވެ.

ނުވަރަ އެލިޔާއަށް މިފަހަރު އެންމެ ފިނިވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. އެ  ދުވަހު ފިނިހޫނުމިން 3.5 ޑިގްރީ ސެލްސިއަސް އަށް ވަނީ ވެއްޓިފަ އެވެ.

ބަޑުއްލާ އާއި ބަންޑާރަވެލާ ފަދަ މެދުތެރޭގެ ފަރުބަދަތަކުގެ ފިނިހޫނުމިން ދަށްވެފައިވާއިރު، އައްސޭރިއާ ކައިރި ހިސާބުތަކާއި ތިރި ސަރަހައްދުތަކުގައި ފިނިހޫނުމިން ހުރީ ތަންކޮޅެއް މަތީގަ އެވެ.

ނުވަރަ އެލިޔާގެ މުނިސިޕަލް ކައުންސިލްގެ މޭޔަރު އުޕަލީ ވަނިގަސޭކަރަ ވަނީ މިއީ ނުވަރަ އެލިޔާ އަށް ދަތުރުކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ވިދާޅުވެ ޓޫރިސްޓުންނަށް ދައުވަތު ދެއްވައިފަ އެވެ.

ނުވަރަ އެލިޔާ ޓޫރިސްޓް ހޮޓެލްސް އެސޯސިއޭޝަންގެ ޗެއާމަން މަހިންދަ ދޮންޕަގަމަގާ ވިދާޅުވީ އެ ސިޓީއަށް ވަންނަ މަގުތައް އާންމު ހާލަތެއްގައި އެބަ އޮތް ކަމަށާއި ފިނި މޫސުމުގެ ތަޖުރިބާކޮށްލަން އާއިލާއާ އެކު ޒިޔާރަތްކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *