ޓްރަމްޕަކީ ޔޫރަޕްގެ ދުޝްމަނެއްގެ ގޮތުގައި ސިފަކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެކުވެރިއަކަށް ވުރެ ބޮޑަށް "ޔޫރަޕްގެ ދުޝްމަނެއް" ގެ ގޮތުގައި ދެކޭ މީހުން ގިނަ ކަމަށް ޔޫރަޕްގެ ހަތް ގައުމެއްގައި ހެދި ސާވޭއަކުން ދައްކައިފި އެވެ.

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 51 ޕަސެންޓް މީހުން ބުނެފައިވަނީ ޓްރަމްޕަކީ ޔޫރަޕްގެ ދުޝްމަނެއްގެ ގޮތުގައި އެ މީހުން ދެކޭ ކަމަށެވެ. އޭނާ އަކީ ޔޫރަޕްގެ އެކުވެރިއެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނީ އެންމެ އަށް ޕަސެންޓް މީހުން ކަމަށް ފްރާންސް، ބެލްޖިއަމް، ޖަރުމަނު، އިޓަލީ، ސްޕެއިން، ޑެންމާކް އަދި ޕޮލެންޑުން ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިކުރި ދިރާސާއިން ވަނީ ހާމަވެފަ އެވެ. 

ގްރީންލެންޑު ހިފާނެ ކަމަށް ޓްރަމްޕު އިންޒާރު ދެއްވި ފަހުން މި މަހުގެ 13-19 އާ ދެމެދު ކުރި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 39 ޕަސެންޓް މީހުން ބުނެފައިވަނީ ޓްރަމްޕަކީ އެކުވެރިއެއް ކަމަށް ވެސް އަދި ދުޝްމަނެއް ކަމަށް ވެސް ނުދެކޭ ކަމަށެވެ.

ޓްރަމްޕަކީ ދުޝްމަނެއް ކަމަށް ދެކޭ މީހުން އެންމެ ގިނައީ ޑެންމާކުގަ އެވެ. އެ ގައުމުގެ 58 ޕަސެންޓް މީހުންގެ ވިސްނުން ހުރީ އެގޮތަށެވެ.

ސާވޭކުރި ހަތް ގައުމުގެ 44 ޕަސެންޓް މީހުން ބުނެފައިވަނީ ޓްރަމްޕު އަމަލުކުރައްވަނީ ޑިކްޓޭޓަރެއް ގޮތަށް ކަމަށެވެ. އަދި އަނެއް 44 ޕަސެންޓް މީހުން ވަނީ އެއީ ގަދަބާރުން ވެރިކަންކުރަން އުޅޭ ލީޑަރެއް ކަމަށް ބުނެފަ އެވެ.

ޓްރަމްޕަކީ ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމްކުރައްވާ ބޭފުޅެއް ކަމަށް ބުނެފައިވަނީ އެންމެ 10 ޕަސެންޓް މީހުންނެވެ.

ޔޫރަޕްގެ އެކުވެރި އެމެރިކާ، ޓްރަމްޕުގެ ވެރިކަމުގައި ހަތުރެއްގެ ގޮތުގައި ފެންނަން ފަށައި އަދި ޔޫރަޕްގެ އިސްތިގުލާލަށް ވެސް ނުރައްކާކުރާ ގައުމަކަށް އެމެރިކާ ވަނީ ވެފަ އެވެ. އެކަމަކު އެމެރިކާގެ އަމަލުތަކަށް ބަލަން ތިބެން ރަތް ރޮނގު ދަމާނެ ހިސާބެއް ކަނޑައެޅުމުގައި ޔޫރަޕަށް ވަނީ ދަތިވެފަ އެވެ.

މިނެރަލްގެ މުއްސަނދިކަން ލިބިފައިވާ ގްރީންލެންޑު ކޮންމެ ގޮތަކުން ވިޔަސް ހިފާނެ ކަމަށް ވިދާޅުވަމުން ގެންދެވުމަށް ފަހު މި ހަފްތާގައި ޓްރަމްޕު ވަނީ ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *