ބިދޭސީންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ފުލުހުންގެ ބަންދަށް؛ ސީރިއަސް ތުހުމަތުތަކެއް

ބިދޭސީންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ފުލުހުންގެ ބަންދަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ވޯކް ޕާމިޓާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ ހަ ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މުޙައްމަދު އިމޮން ކަޒި (30އ)، އަފްޖަލް ހޮސައިން (31އ)، ޙަބީބުއްރަޙްމާން (35އ)، މުޙައްމަދު ޙަނީފް ބަޕަރީ (46އ)، ކަޒި ރައިހާން (22އ) އަދި މުޙައްމަދު ޔޫސުފް ޕްރޮދަން (30އ) އެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މީހުން ހައްޔަރުކޮށްފައި ވަނީ ތަފާތު އެކި ދުވަސްމަތިންނެވެ. އެގޮތުން މުޙައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުޙައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 22 ވަނަ ދުވަހު އެވެ. އަދި އަފްޖަލް ހޮސައިން އާއި ޙަބީބުއްރަޙްމާން ޑިސެންބަރު 23 ވަނަ ދުވަހު ހައްޔަރުކުރިއިރު، މުޙައްމަދު ޙަނީފް ބަޕަރީ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 30 ވަނަ ދުވަހު އެވެ.

މި ހަ މީހުންނަކީވެސް މަކަރާއި ހީލަތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި އެންމެންވެސް މިހާރު ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގަ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *