ނުރައްކާ! ނުރައްކާ! ސޯޝަލް މީޑިއާ އެކައުންޓް ހެކްކޮށް، ބޭންކު އެކައުންޓުން ވައްކަން

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، ވިޔަފާރި ކުންފުންޏެއްގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ހިންގި އޮޕަރޭޝަނުގައި ގިނަ ބަޔަކު ހައްޔަރުކުރީ، މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279،600 އަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގަ އެވެ.

ގޭންގު ކްރައިމާއި ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުން ހައްޔަރުކުރީ؛

– ހއ. ކެލާ، ޕެނަމާ، މުހައްމަދު ސިމާދު، 38

– ހދ. ވައިކަރަދޫ، ޕެރިމްރޯޒް، އަބްދުﷲ ނާފިޒު، 39

– ކ. ހިންމަފުށި، މެޑޯޒް، މުހައްމަދު އިބްރާހީމް، 49

– ލ. އިސްދޫ، ގުޑްލައިފް، މުހައްމަދު ހަސަން، 59

– ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުހައްމަދު އަލީ، 42

– ގދ. ފިޔޯރީ، ހީނާމާގެ، އަލީ އިމްރާން، 38

– ގދ. ތިނަދޫ ގުލްބަކާގެ، އަބްދުﷲ އިސްރާގު، 19

– ސ. ހިތަދޫ، އުދަ، އަލީ އިރުފާނު އަހުމަދުދީދީ، 26

– ސ. ހިތަދޫ، ނަންރީތިގެ، އަލީ ޝިރާޒު، 38

– މ. މާލޭގެއާގެ، މުހައްމަދު ނުހާދު އަލީ، 30

އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ ހިންމަފުށިންނެވެ. އައްޑޫއިން ތިން މީހަކު އަދި ބާކީ ތިބި ހަ މީހުން ހައްޔަރުކުރީ މާލެއިންނެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑް ހުރި މީހުން ހިމެނެ އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު އިބްރާހީމަށް ފަސް ދުވަސް، މުހައްމަދު އަލީ އާއި މުހައްމަދު ހަސަންގެ ބަންދަށް ހަތް ދުވަސް، އަލީ އިރުފާން އަހުމަދުދީދީއަށް 10 ދުވަސް އަދި ބާކީ ތިބި ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުން ކަމަށެވެ. އަދި އެ ތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާއަށް މުދާ ގަނެފައިވާއިރު، އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމުން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވި މީހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *