ކައުންސިލަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ތަނެއް ނޫން، އެކަން ކުރާނީ މަޖިލީހުން: ޖާބިރު

ކައުންސިލަކީ ސަރުކާރު ޖަވާބުދާރީކުރުވަން އުފައްދާފައި އޮންނަ މުއައްސަސާއެއް ނޫން ކަމަށާއި ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއް ކަމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއަކީ ފެޑެރަލް ސިސްޓަމެއް އޮންނަ ގައުމެއް ނޫން ކަމަށާއި ކައުންސިލާއި މޭޔަރުން ހޮވަނީ ސަރުކާރުން ހިންގާ ކަންކަމުގައި އެހީތެރިވުމުގެ ގޮތުން ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ޖާބިރު، އޭނާގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރަށް އެއްބާރުލުންދޭ ތަންތަނަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ޖަވާބުދާރީ ކުރުވާ ތަނެއް އޮވޭ ރާއްޖޭގައި. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނެއް ކައުންސިލަކީ، އެކަމަކު ސަރުކާރު ޖަވާބުދާރީކުރުވާ ތަނެއް ނޫން ކައުންސިލަކީ. ރައްޔިތުންނަށް ސާފުވާންވީ މިއީ ފެޑެރޭޝަނެއް ނޫންކަން، ކައުންސިލަކީ އަދި މޭޔަރަކީ ސަރުކާރު ޖަވާބުދާރީ ކުރާ ފަރާތެއް ނޫންކަން. ގާނޫނުއަސާސީގައި ކައުސިލް އަދި މޭޔަރު ހުންނަން ކަނޑައެޅުނީ ސަރުކާރަށް ހިންގުން ފަސޭހަކުރުމަށްޓަކައި. މާނައަކީ ރައްޔިތުންގެ މަޖިލީހޭ ޖަވާބުދާރީކުރުވާ ތަނަކީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވިގޮތުގައި މާލެ ސަރަހައްދުގައި މިހާރު ގިނައިން ދިރިއުޅެނީ ރާއްޖެތެރެއަށް ނިސްބަތްވާ މީހުންނެވެ. ހިދުމަތެއް ހޯދަން ޖެހުނަސް، ވިޔަފާރިިއެއް ކުރަން ޖެހުނަސް އަންނަން ޖެހޭނީ މާލެއަށް ކަމުން މާލޭ ސިޓީ މޭޔަރަކަށް ސަރުކާރާ އިދިކޮޅު ބޭފުޅެއް އައްޔަންކުރުމުން ސަރުކާރު ފެއިލްވެއްޖިއްޔާ، އެއީ މުޅި ރާއްޖެއަށް އަދި ރައްޔިތުންނަށްވެސް ލިބިގެންދާނެ ނާކާމިޔާބީއެއް ކަމަށް ޖާބިރު ދެކެވަޑައިގަންނަވައެވެ.

ސަރުކާރާ އިދިކޮޅު ބޭފުޅަކު މޭޔަރަކަށް އައްޔަންކޮށްފިނަމަ ސަރުކާރުން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅިގެންދާނެ ކަމަށާއި އެއީކީ މާލެ ސިޓީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫންކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. މާލެ ސިޓީ ކައުންސިލަކީ މާލޭގެ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްކަމުން، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޖާބިރު ދެކެވަޑައިގަންނަވަނީ މޭޔަރަކަށް މޫސާ އަލީ ޖަލީލު އިންތިހާބު ކުރުމެވެ.

ޖާބިރު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވި ސަރުކާރުގެ ކެންޑިޑޭޓް މޫސާ ޖަލީލަށް ތާއީދުކުރައްވާ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޕީއެންސީން ވަރަށް ބާރަށް ކުރިޔަށް ގެންދާ ކަމަށެވެ. މޫސާ ޖަލީލަށް ތައުރީފްކުރައްވަމުން ޖާބިރު ވިދާޅުވީ އޭނާއަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި މޫސާ ޖަލީލު ފަދަ ހިންގުންތެރި ބޭފުޅަކު މާލެ ސިޓީ ކައުންސިލަށް ބޭނުންވާ ކަމަށެވެ. އަދި ކުރިޔަށް އޮތް އިންތިހާބުގައި އެންމެ މުހިންމު ކަމަކަށް ވާންޖެހޭނީ ސަރުކާރުން ހިންގާ ކަންކަމުގައި އެއްބާރުލުން ދީ، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލުތައް އެކުލަވާލުން ކަމުގައި ޖާބިރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެދެނީ މޫސާ ޖަލީލް ކަހަލަ ރަނގަޅު، މަޑުމައިތިރި، ކެތްތެރި، ނަޒާހަތްތެރި، ބޭފުޅެއް. މޫސާ ޖަލީލުގެ ވިސްނުންފުޅުވެސް ރަނގަޅު. ވަރަށް ގިނަ މީހުންނަށް މޫސާ ޖަލީލު ކަމުދޭ. މޫސާ ޖަލީލްއަށް ތާއީދު ބޮޑު. އެންމެ މުހިންމު ކަމަކީ ސަރުކާރަށް އެއްބާރުލުން ލިބޭނެ، ހުރިހާ މޭޔަރުން ހޮވާއިރުވެސް ސަރުކާރަށް އެއްބާރުލުން ދޭނެ ކަހަލަ މީހަކު ނެގުން ވަރަށް މުހިންމު، ސަރުކާރު ހިންގުން ދަތިވާނެ ގޮތަކަށް ކަމެއް އޮވެގެން ކަމަކުނުދާނެ." ޖާބިރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *