އަދުރޭގެ މަދަދާއިއެކު އެއްމާބަނޑު ކޮއްކޮ ކަރީމް ޕީއެންސީ އާއި ދެކޮޅަށް ފޮނަދޫ ރައީސް ކަމަށް ވާދަ ކުރަން ނިންމައިފި

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނުކުންނަވައިފިއެވެ.

އެ ގޮނޑިއަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ، މިދިޔަ ތިން ދައުރުގައި ކައުންސިލް ރައީސްކަން ކުރެއްވި އަހުމަދު ރިޔާޒެވެ.

ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ކަރީމް 'ސަން’އަށް މިއަދު ވިދާޅުވީ، އެފަދަ ނުކުޅެދުންތެރިކަމެއް ހުންނާތީ ކައުންސިލް ރައީސްކަމަށް ވާދަކުރެވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ސިޓީއެއް ހުށަހެޅުއްވި ކަމަށެވެ.

އެ މަގާމަށް ވާދަކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އީސީން އަންގާފައިވާ ކަމަށް ކަރީމް ވިދާޅުވިއެވެ.

"އަޅުގަނޑު ވިސްނީ، ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ފެށުނީއްސުރެ، ކުޑައިރުން ފެށިގެން ލިބެމުން އަންނަ މީހެކޭ އަޅުގަނޑު ދިރިއުޅޭ މުޖުތަމައުގައި. އެހެންވީމަ އަޅުގަނޑު ވެސް ހިތްވަރު ކޮށްލާނިއްޔޭ،" ކަރީމް ވިދާޅުވިއެވެ.

އިތުރަށް ކަރީމް ވިދާޅުވީ، ކައުންސިލް ރައީސްކަމަށް ވާދަކުރުމަށް ހުށަހެޅުއްވި ކެންޑިޑެންސީ ބަލައިގެންފައިވާ ކަމަށާއި އެ ކަމުގެ ލިޔުން ވެސް ފޮނުވާފައިވާ ކަމަށެވެ. މިހާރު އޭނާ ވަނީ، ރަސްމީކޮށް ކެމްޕެއިންގެ ހަރަކާތްތައް ފައްޓަވަފާއެވެ.

މިހާރު އޭނާ އަދާކުރައްވަނީ، ފޮނަދޫ މިސްކިތެއްގެ އިމާމެއްގެ ވަޒީފާއެވެ. އެ މަގާމު އޭނާ އަދާކުރައްވާތާ 19 އަހަރު ވެއްޖެއެވެ.

އޭނާ ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާތީ، މަގާމުން ސަސްޕެންޑުވާނެ ކަމަށާއި އެ ކަން ސިވިލް ސާވިސް ކޮމިޝަނަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފޮނަދޫއަކީ ވަރަށް ސިޔާސީ ޕާޓީތަކަށް ތާއިދު އޮންނަ ރަށެކެވެ. އެހެންވެ، މިހާތަނަށް އަމިއްލަ ކެންޑިޑޭޓަކު ރަށުގެ އިސް މަގާމަކަށް ހޮވިފައެއް ނެތެވެ. ނަމަވެސް، ކަރީމްގެ އުއްމީދަކީ، މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި އެ ރަށު ކައުންސިލް ރައީސް ކަމުގެ ގޮނޑި ކާމިޔާބު ކުރުމެވެ.

ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮތީ، އަންނަ އޭޕްރީލް ހަތަރެއްގައެވެ. އެ އިންތިޚާބުގައި ވާދަކުރަން ހުށަހަޅަން، ހުޅުވާލި މުއްދަތު މިއަދު 17:30އަށް ވަނީ ހަމަވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *