ރާއްޖޭގެ 9 ސަރަހައްދެއްގައި ޔޫތު ހަބު ހުޅުވަން ނިންމައިފި

އަތޮޅުތަކުގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ހުނަރުވެރި ހަރަކާތްތައް ހިންގުމަށާއި އިންތިޒާމުކުރުމަށް މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާކަމަށެވެ. އަދި އިތުރު 9 ރަށެއްގައިވެސް ޔޫތު ހަބު ޤާއިމުކުރުމަށް ބިން ހަމަޖައްސުމަށްފަހު އެކަމުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހަބުތައް ފަރުމާކުރާނީ ޒުވާނުންނާ ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ގާއިމުކުރެވޭނެހެންނެވެ. އަދި ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލް-ބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް ފޯރުކޮށްދެވޭނެ ތަނެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ޔޫތު ހަބު ޤާއިމުކުރުމަށް ނިންމާފައިވާ ރަށްތައް:

• ގއ. ވިލިނގިލި

• ހއ. ދިއްދޫ

• އދ. މަހިބަދޫ

• ބ. އޭދަފުށި

• ދ. ކުޑަހުވަދޫ

• ފ. ނިލަންދޫ

• ޅ. ނައިފަރު

• ރ. އުނގޫފާރު

• ލ. ފޮނަދޫ

 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރާކަމަށެވެ. މީގެ ތެރެއިން، ޒުވާނުންނަށް އަމާޒުކޮށް ޔޫތު ޕާލިމަންޓް ފަދަ ހަރަކާތްތަކާއި، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ޒުވާނުން އަލުން މުޖުތަމަޢަށް ނެރުމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އަހަންމިއްޔަތުދޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ކުރިން ޒުވާނުންގެ މެދުގައި ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ޒުވާނުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *