މާލީ ދަތިކަމުގެ ސަބަބުން، ދަ ވޮޝިންޓަން ޕޯސްޓުން 300 އެއްހާ މުވައްޒަފުން ވަކިކުރަން ނޯޓިސްދީފި

އެމެރިކާގެ މަޝްހޫރު ދުވަހު ނޫހެއް ކަމަށްވާ ދަ ވޮޝިންޓަން ޕޯސްޓުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމައިފިއެވެ.

އެ ނޫހުން މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ ވާހަކަ ދެކެވެމުންދާތާ ދުވަސްތަކެއްވެފައި ވަނިކޮށް މިދިޔަ ބުދަ ދުވަހު ނޫހުން ވަނީ އެކަން ކަށަވަރުކޮށް ދީފައެވެ.

ނޫހުގެ އެގްޒެކްޓިވް އެޑިޓަރު މެޓް މުރޭ ޒޫމް މެދުވެރިކޮށް މުވައްޒަފުންނާ ބައްދަލުކުރައްވައި ވިދާޅުވީ، މުވައްޒަފުން މަދުކުރަން ނިންމީ ނޫހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި ކަމަށެވެ. މުރޭ ވިދާޅުވި ގޮތުގައި މިއީ ވަރަށް އުނދަގޫ ނިންމުމެއް ނަމަވެސް، މިއީ މިހާރުގެ ހާލަތަށް ބަލާއިރު ކޮންމެހެން އަޅަން މަޖުބޫރު ފިޔަވަޅެކެވެ.

މި ބަދަލާއެކު 300 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ބެލެވެއެވެ. މިއީ އެ ނޫހުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.

ވޮޝިންޓަން ޕޯސްޓްގެ ހުރިހާ ޑިޕާޓްމަންޓަކުން ވެސް މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު، ބައެއް ސެކްޝަންތަކާއި ބިއުރޯތަކުގެ މަސައްކަތް އެއްކޮށް ހުއްޓާލުމަށް ވެސް ވަނީ ނިންމާފައެވެ.

މުރޭ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނޫސް ހިންގުމުގައި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.

މަހުޖަނު ޖެފް ބެޒޯސް 2013 ވަނަ އަހަރު 250 މިލިއަން ޑޮލަރަށް ބައްލަވައިގަތް މި ނޫހުގެ މަސައްކަތްތައް އަލުން ބައްޓަންކުރާއިރު، ލޯކަލް ނިއުސް ޑިޕާޓްމަންޓާއި އެޑިޓަރުންގެ ސެކްޝަންގެ އޮނިގަނޑަށް މުހިއްމު ބަދަލުތަކެއް ގެންނާނެއެވެ.

މި ނިންމުމާ ގުޅިގެން މުވައްޒަފުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. ބައެއް މުވައްޒަފުން ވަނީ އެމީހުންގެ ޝަކުވާތައް ސީދާ ޖެފް ބެޒޯސްއަށް ވެސް ހުށަހަޅާފައެވެ.

ވޮޝިންޓަން ޕޯސްޓަކީ ނޫސްވެރިކަމުގެ ދާއިރާގައި 148 އަހަރުގެ ދިގު ތާރީޚެއް އޮތް، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ނޫހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *