އެމްޑީޕީ މެންބަރުން ތިބެނީ ހަމަޔަކު ނޫން: ޝުޖާއު

އިދިކޮޅު އެމްޑީޕީގެ މަޖްލިސް މެންބަރުންނަށް ވެފައިތިބީ ކިހިނެއްކަން ނޭނގޭ ކަމަށާއި، މަޖްލީހުގެ ތަޅުމުގައި ތިއްބެވީ ހަމައިގައިހެން ހީނުވާކަމަށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެ އެމްޑީޕީ މެންބަރުންނަށް ބަހުގެ ހަމަލާތަކެއް ދީފައިމިވަނީ ރައްޔިތުންގެ މަޖްލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރައްވަމުން ގެންދެވީ ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް ގެންނަން ކޮމިޓީން ނިންމާފައިވާ އިސްލާޙާއި ގުޅޭ ގޮތުންނެވެ.

މި ބަހުސްގައި އިދިކޮޅު އެމްޑީޕީން ބައިވެރިވެ ސަރުކާރަށް އަދި ޕީއެންސީ މަޖްލިސް މެންބަރުންނަށް ބޭއަދަބީކޮށް މުޚާތަބު ކުރައްވާ ވާހަކަދައްކާފައިވެއެވެ. އެމްޑީޕީ މެންބަރުންގެ މި ޢަމަލުތަކަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވީ އެމްޑީޕީ މެންބަރުން ތިއްބެވީ ހަމައިގައިހެން ހީނުވާ ކަމަށެވެ.

"އަޅުގަނޑު ހިތަށްއަރާ މިއަދު ވާދަވެރި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ކިހިނެއްވެގެންބާއޭ، އަޅުގަނޑަކަށް ހިއެއްނުވޭ އެއްވެސް އިއްޒަތްތެރި މެމްބަރަކު ހަމަހެންނެއް" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ މަޖްލީހުން އަލަށްކުރާ ކަމެއް ނޫންކަމަށާއި، މިއީ ޤާނޫނު އަސާސީން މަޖްލީހަށް ލިބިގެންވާ އިޚުތިޔާރުގެ ތެރެއިން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. ހުރިހާ ކަމެއްވެސް ތަރުތީބު ކުރެވިގެން ދަނީ ޤާނޫނު އަސާސީއާއި މަޖްލީހުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ ތަހުޒީބުވެފައިވާ ބޮޑެތި ޤައުމުތަކުގައިވެސް ކަން ކުރަމުންގެންދަވާ އުސޫލުކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ވެގެން އުޅޭގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވެދާނެކަން ޤަބޫލުކޮށްގެން އުޅުން ކަމަށެވެ. އަދި މަޖްލީހުން ދުނިޔޭގެ ޤައުމުތަކަށް ތަޖުރިބާ ދަތުރުތަކުގައި މަޖްލިސް މެންބަރުން ފޮނުވީމަ އިދިކޮޅު އެމްޑީޕީ މެންބަރުން ވަޑައިންނަވަނީ ޝޮޕިންގ އަށް ކަމަށާއި، ކަންކަމުގެ ވައްޓަފާޅި އެނގިވަޑައި ނުގަންނަވަނީ އެހެންވެގެން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

2 އިންތިޚާބު އެއްކޮލުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މިބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުންވަނީ މިބިލަށް ތާޢީދުކޮށް ވާހަކަދައްކާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ މިބިލާ ދެކޮޅަށް ތަޅުމުގައި އަޑުއުފުލާފައެވެ. އަދި މަޖިލިސް ތަޅުމުގައި އަޑުގަދަކުރަން ފެށުމުން ރިޔާސަތުންވަނީ ބައެއް މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *