ރައްޔިތުންގެ މަޖްލީހުގައި ކުޅެނީ ޗަރުކޭހެއް ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް މަޖްލީހުގައި އަޑުގަދަ ކުރައްވާ ނުރުހުން ފާޅު ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް އިސްލާޙުގެނައުމުގެ ބިލަށް ބަހުސް ކުރަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ވިދާޅުވީ ޕީއެންސީ މަޖްލިސް މެންބަރުން ޗަރުކޭސް ކުޅުއްވަނީ ކަމަށެވެ. އަދި މިހާރު ފެންނަނީ 5 މިނެޓުން ޤާނޫނު އަސާސީ އޮޅާލާ މަންޒަރުކަމަށް ވިދާޅުވެ މީކާއިލް ވަނި ނުރުހުން ފާޅު ކުރައްވާފައެވެ.
ގިނަ ރައްޔިތުންވެސް އެދޭ ގޮތަށް 2 އިންތިޚާބު އެއްކޮށްލަން ނިންމި ނިންމުމާއި ގުޅިގެން އެމްޑީޕީ މެންބަރުންގެ ރުޅިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. މީކާއިލް ވިދާޅުވީ ޕީއެންސީ މަޖްލިސް މެންބަރުންނަކީ ޤާނޫނު އަސާސީއަށް އޮތް ހުތުރެއްކަމަށާއި، ދިވެހި ރައްޔިތުންނަށްވެސް އޮތް ހުތުރެއް ކަމަށެވެ. އަދި އޭނާގެ ވާހަކައިގައި ވަނީ ވަޒީރުންނަށް ވަނަމުން މުޚާތަބުކުރައްވާ، މަޖްލިސް މެންބަރުންނަށް ގަމާރަށްވެސް ގޮވާފައެވެ. އަދި މެންބަރުން ހަމަ ބުއްދި ފިލާފައިވާކަމަށް ތުހުމަތު ކުރައްވާ މަޖްލިސްގެ ޤަވާއިދާ ޚިލާފު އެތައް ވާހަކަތަކެއް މީކާއިލް ވަނީ ދައްކަވާފައެވެ. ރިޔާސަތުން ވަނީ މީކާއިލްގެ ވާހަކަ ހުއްޓުވާ މިކަން ތަކުރާރު ނުކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ. މީކާއިލް މިފަދައިން ކޯފާ އިސްކުރައްވާ ވާހަކަފުޅު ދެއްކެވިއިރު، ނިމިދިޔަ 19 ވަނަ މަޖްލީހުގައި މީކާއިލް އިންނަވާ މިފަދައިން ކުރު މުއްދަތުގައި އެތައް ބިލެއް ފާސްކޮށްފައިވެއެވެ.
މަޖްލީހުގައި އެމްޑީޕީގެ މަދު މެންބަރުންކޮޅެއް އިހުތިޖާޖު ކޮށް ނުރުހުން ފާޅުކުރިނަމަވެސް މަޖްލީހުގެ ޖަލްސާއަށް ހާޒިރުވި 72 މެންބަރުންގެ ވޯޓާއިއެކު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު ވަނީ ފާސްކޮށްފައެވެ.


