ފަސްކިލޯގެ ޑްރަގް އެތެރެކުރި ޕާކިސްތާނު މީހާ އުމުރަށް ޖަލަށް

ވައިގެ މަގުން ރާއްޖެއަށް ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަބްދުލްލަތީފް ބަލޮޗް ނަމަކަށްކިޔާ ޕާކިސްތާނު މީހަކަށް، ޖަދުވަލު1ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހުއްޓުވައި ބަލާފާސްކުރުމުގެ ތެރެއިން، އޭނާގެ ނަން މަތީ އޮތް ދަބަހަކުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ރާއްޖެ އައިސް، އޭނާގެ ލަގެޖަކާ އެކު ކަސްޓަމްސްގެ ރެޑް ޗެނަލްއަށް އަމިއްލައަށް ދިޔަ އެވެ. އެ ތަނުން އޭނާގެ ބޯޑިން ފާސް ބެލިއިރު ދެ ދަބަސް ޗެކިން ކޮށްފައި އޮތެވެ. ނަމަވެސް، އޭނާ ނަގާފައިވަނީ އެންމެ ދަބަހެކެވެ.

އެހެންވެ، ކަސްޓަމްސްގެ އޮފިސަރުން އޭނާއާ އެކު ލަގެޖު ބެލްޓަށް ގޮސް އަނެއް ދަބަސް ނެގި އެވެ. އަދި އެ ދަބަސް ސްކޭން ކުރިއިރު ސުވާލު އުފެދޭ ކަންކަން ފާހަގަވާތީ، ދަބަސް ބަލައި ފާސްކުރި އެވެ. އެ ދަބަހުގައި އޮތް ދެ ޕެކޭޖެއްގައި 5،000 ގްރާމްގެ ޑައިމޯފިން ހުރި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ދައުލަތުން އުފުލި ދައުވާއަށް ބަލޮޗް އިންކާރުކޮށް، އެ ދަބަހަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެގޮތުން، ދަބަހުގައި ހުރި މަސްތުވާތަކެއްޗަކީ ބަލޮޗްއަށް އެނގިގެން، ރާއްޖެއަށް އެ ގެނައުމުގެ ބޭނުމުގައި އެތެރެކޮށްފައިވާ އެއްޗެއްކަން ސާބިތުވާ ކަމަށާއި އެހެންކަމުން ކުށުގެ ނިޔަތް އޭނާގެ އެބަ އޮތް ކަމަށް ހުކުމްގައިވެ އެވެ. ލަގެޖު ބެލްޓަށް އެ ދަބަސް ދޫކޮށްލާފައި އޮތް ނަމަވެސް، އެ ދަބަހުގެ ޓެގުގައި ބަލޮޗްގެ ނަން އޮތް ކަމާއި، އެ ދަބަހަކީ އޭނާ ޗެކިން ކުރި ދަބަހެއް ކަން ސާބިތުވާ ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

އެހެންވެ، މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް ކޯޓުން އިއްވި އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ ބަލޮޗްގެ މައްޗަށް ދައުވާ އުފުލިއިރު، ގާނޫނު އޮތް ގޮތުން 25 އަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *