އިރާނުގެ މައްސަލައިގައި އަމަލުކުރާނެ ވަކި ގޮތަކާ މެދު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވަކި ގޮތަކަށް އެއްބަސްވުމަކަށް ނާދެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެއާ އެކު، ތެހެރާނާ އެކު ކުރިއަށްދާ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫއާ އެކު އިއްޔެ ވައިޓް ހައުސްގައި ބޭއްވި "ވަރަށް ރަނގަޅު ބައްދަލުވުމަކަށް" ފަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ، އިރާނާ އެކު އެއްބަސްވުމަކަށް އާދެވިދާނެތޯ ބެލުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބާރުއެޅުއްވުން ފިޔަވައި އެހެން އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށެވެ. އެފަދަ އެއްބަސްވުމަކަށް އާދެވޭ ނަމަ އެއީ އެންމެ އެދެވޭ ގޮތް ކަމަށް ބޮޑުވަޒީރަށް ދަންނަވާފައިވާނެ ކަމަށާއި އެކަން ކާމިޔާބު ނުވެއްޖެ ނަމަ ދެން ވާ ގޮތެއް ބަލަންޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އޮމާންގައި އެމެރިކާ އާއި އިރާނާ ދެމެދު ދާދި ފަހުން ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު، ދެ ގައުމުގެ އިސްވެރިން ވަނީ ދެ ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން މަޝްވަރާ ކުރައްވާފަ އެވެ.
ބެލެވޭ ގޮތުގައި ނަތަންޔާހޫ ބޭނުންވީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ އިތުރުން، އެ ގައުމުގެ ބެލިސްޓިކް މިސައިލާއި ސަރަހައްދީ ގޮތުން ހަރަކާތްތެރިވާ އިރާނަށް ތާއީދުކުރާ ޖަމާއަތްތައް ހުއްޓުވުމަށް މަޝްވަރާތަކުގެ ދާއިރާ ފުޅާކުރުމަށް އެމެރިކާއަށް ބާރުއެޅުމަށެވެ. ނަމަވެސް، ޓްރަމްޕް އެކަންކަމަށް އެއްބަސްވެވަޑައިގެންނެވި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޝްވަރާތަކުގައި އިޒްރޭލުގެ ސަލާމަތީ ކަންކަމަށް ބޮޑުވަޒީރު ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް ބޭއްވުމަށާއި މުހިންމު ކަންކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އިރާނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އިރާނުން ވަނީ އެފަދަ ކަމަކަށް ވަރުގަދަ ރައްދު ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.
ޓީވީ އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ރަނގަޅު އެއްބަސްވުމަކީ "ނިއުކްލިއާ ހަތިޔާރާއި މިސައިލް ނެތް" އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް އިރާނުން ވަނީ މަޝްވަރާތަކުގެ ދާއިރާ ފުޅާކުރުމަށް ދެކޮޅު ހަދާފަ އެވެ. އިރާނުގެ ރޫހާނީ ލީޑަރުގެ މުޝީރު އަލީ ޝަމްހާނީ ވިދާޅުވީ، އިރާނުގެ މިސައިލް ގާބިލުކަމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ.
ޓްރަމްޕާއި ނަތަންޔާހޫގެ ބައްދަލުވުމުގައި ގާޒާގެ މައްސަލައާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި އެ ސަރަހައްދު އަލުން އާބާދުކުރުމުގެ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، ހަމާސްގެ ހަތިޔާރު އަތުލުމާއި އިޒްރޭލު ސިފައިން ފިޔަވަހިތަކަކަށް ބަހާލައިގެން ގާޒާއިން ފޭބުމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ނަތަންޔާހޫ ކުރެއްވި ހަތްވަނަ ޒިޔާރަތަކީ މީޑިއާތަކަށް މާ ބޮޑަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޒިޔާރަތެއް ނޫނެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރި އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވެ އެވެ. ނަމަވެސް، އިޒްރޭލުން ވަނީ ފަހަކަށް އައިސް އެ ސަރަހައްދުތަކުގައި ވަޒަންވެރިވާ ޔަހޫދީންނަށް ބިން ގަތުމަށް ފަސޭހަވާނެ ފަދަ އުސޫލުތަކެއް ފާސްކޮށްފަ އެވެ.


