ވޯޓުލާ މީހުންގެ އަދަދު އިތުރުކުރުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

ލޯކަލް ކައުންސިލް އިންތިހާބުތަކުގައި އާންމުކޮށް ވޯޓުލާ މިންވަރު ދަށްކަން ފާހަގަކުރައްވައި، އެ މިންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، މިހާތަނަށް ފެނުނު ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ މީހުން ކަމަށެވެ. އަދި ވޯޓުލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ކިޔަނީ ތަރައްގީގެ ވާހަކަ. އަޅުގަނޑުމެން މި ކިޔަނީ ތަމައްދުނުގެ ވާހަކަ. މި ހުރިހާ ކަމެއް ކުރުމަށްޓަކާ އަޅުގަނޑުމެން އެބަ ބޭނުންވޭ އަޅުގަނޑުމެންގެ ސަރުކާރަކީ މަސައްކަތްކުރާނެ ރަނގަޅު ކައުންސިލެއް،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ވޯޓުލާން ނުކުތުމަކީ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، ރަށަށް އަންނަ ތަރައްގީގައި ކޮންމެ މީހެއްގެ ހިއްސާ އޮންނާނެ ކަމަށެވެ.

މާފަންނު ދެކުނު ދާއިރާއަށް ޕީއެންސީން ނެރެފައިވާ ކެންޑިޑޭޓުންނަކީ އެ ދާއިރާއަށް ލިބޭނެ އެންމެ ގާބިލު ކެންޑިޑޭޓުންކަން ފާހަގަކުރައްވައި، މޭޔަރު ކެންޑިޑޭޓަށާއި، ކައުންސިލަރު ކެންޑިޑޭޓުގެ އިތުރުން ޑަބްލިޔު.ޑީ.ސީ އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. އަދި މެޑަމް ސާޖިދާ ވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ގޭގައި މަޑުނުކުރައްވައި، ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ވޯޓުލާން ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *