ރައީސްގެ ދަރިކަލުން އުމައިރު ކުޅިވަރު އެވޯޑަށް ނޮމިނޭޓްވެއްޖެ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ސްޕޯޓްސް މިނިސްޓްރީގެ ކުޅިވަރު އެވޯޑަކަށް ނޮމިނޭޓްވެއްޖެއެވެ.

އުމައިރު ނޮމިނޭޓް ވެފައިވަނީ އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީއަށެވެ. މި ކެޓަގަރީއަށް ފަސް ކުޅުންތެރިން ނޮމިނޭޓްވެފައިވާއިރު, އުމައިރު ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ. އަދި އިތުރު ކުޅުންތެރިއަކު ވެސް ޓީޓީއޭއެމް އިން ވަނީ ނޮމިނޭޓް ކޮށްފައެވެ.

މި އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތައް:

  1. މުހައްމަދު އަޒާން އަހްމަދު (ބީބީ)
  2. އިޔަން އަހްމަދު (ބީބީ)
  3. މުހައްމަދު ރިހާން ޝިހާމް (އެސްއޭއެމް
  4. އުމައިރު މުހައްމަދު މުއިއްޒު (ޓީޓީއޭއެމް)
  5. ޒީކް ހަސަން ލަތީފް (ޓީޓީއޭއެމް)

އިއްޔެ އާންމުކުރި ނޮމިނޭޝަންތަކާއެކު ގިނަ ބައެއްގެ ފާޑުކިޔުން ރައީސްގެ ދަރިކަލުންނަށް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށާއި, ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި އުމައިރު ހޯދައިފައިވާ ކަމަށެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫނެވެ. އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުންނެވެ. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެވެ," މަހްލޫފުގެ ޕޯސްޓުގައި ވެއެވެ.

އަދި ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.

މި އަހަރުގެ ސްޕޯޓްސް އެވޯޑް ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ މި ހޮނިހިރު ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *