ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގއި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްގެން ތަހުގީގު ހިންގަނީ

އޮންލައިންކޮށް ސްކޫލް ކުދިންނަށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް"ގެ ވެރިޔާ އަލީ އަފްލަހު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވެފައިވަނީ އެ އިދާރާއިން ތަހުގީގުކުރަމުން ގެންދާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މި މަހުގެ 11 ވީ ބުދަ ދުވަހު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ ނަން ފުލުހުން ހާމަ ނުކުރި ކަމުގައިވިޔަސް، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ، ޚައިރާތު / އަލީ އަފްލަހުކަން ވަނީ އެނގިފައެވެ.

އެނގިފައިވާ ގޮތުގައި، ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓްގެ ވެރިޔާ އަދި ޓީޗަރު އަފްލަހު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އޭނާ އެނބުރި ރާއްޖެ އައުމުންނެވެ.

އޭނާއަށް ތުހުމަތު ކުރަނީ ދަރިވަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކޮށް، ގްރޫމްކުރުމުންކަން ވެސް ވަނީ އެނގިފަ އެވެ. އަދި މި އަނިޔާގެ ޝިކާރައަކަށްވި ކަމަށް ތުހުމަތުކުރާ ކުއްޖާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *