ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކުޑަ މޫސަގެ ދެބެއިންނަށް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދިވެހި ފުޓްބޯޅަ ޝަހުސިއްޔަތު މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ ކޮއްކޮ ފުޓްބޯޅަ އާއި ވޮލީބޯޅައިގެ ތަރި މުހައްމަދު ނަދީމަށް ދީފިއެވެ.

ކުޑަމޫސަ އަށާއި ނަދީމަށް އެ އިނާމް ހަވާލުކޮށްދެއްވީ ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ކުޅިވަރުގެ އެވޯޑް ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ ދެބެއިންނަށް ލައިފްޓައިމް އެޗީވްމަންޓް އިނާމު ދިނީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ކުޑަ މޫސައަކީ ވޮލީބޯޅަ އާއި ބައިސިކަލް ރޭސް ހިމެނޭހެން ވަރަށް ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވެ ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދި ކުޅުންތެރިއެކެވެ.

ފުޓްބޯޅައިގެ ތެރެއަށް ކުޑަ މޫސަ ނިކުތީ ނިއު ރޭޑިއަންޓުންނެވެ. އެއަށްފަހު މޫސަ 1992 ވަނަ އަހަރު ވެލެންސިއާ އަށް ވަނީ ބަދަލުވެފައެވެ. ރާއްޖޭގައި މުސާރައަށް ޕްރޮފެޝަނަލް އުސޫލުން ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަކީ ވެސް މޫސައެވެ. ހުއްރިއްޔާ އަށް ބަދަލުވެ އެ ޓީމަށް ކުޅުމުގެ އިތުރުން ކޯޗުކޮށްދީފައި ވެސް ވެއެވެ.

އަދި މޫސަ އަކީ ރާއްޖޭން ފުޓްބޯޅައިން އެންމެ ފުރަތަމަ ރިހި މެޑަލް ހޯދިއިރު، 1991 ގެ ސާފް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

ނަދީމަކީ، ފުޓްބޯޅަ، ވޮލީބޯޅަ، އަދި އެތުލެޓިކްސްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ފުޓްބޯޅައިގައި އޭނާ ވަނީ ވެލެންސިއާ، ނިއު، އޯކިޑް، އަދި ހުއްރިއްޔާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އެތުލެޓިކްސްގައި އޭނާ އަކީ ރެކޯޑް ދެމެހެއްޓި ފީލްޑް އެތުލެޓީކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *