ގޭސް ލިބުމުގައި ކުރިމަތިވި ދަތިކަން ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ގޭސްވިއްކަން ފަށައިފި

ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފަށާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއިން މިހެން ބުނެފައިވަނީ، އެކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ބައެއް ދަތިތައް ކުރިމަތިވެ ކައްކާ ގޭސް ދޫކުރާ މިންވަރު ދަށްކުރުމަށް ފަހުއެވެ.

އެގޮތުން މިމައްސަލަ ދިމާވުމާއި ގުޅިގެން އެސްޓީއޯއިން ބުނެފައިވަނީ، މުޅި ދުނިޔޭގައިވެސް އަދި ސަރަޙައްދީގޮތުންވެސް ބާޒާރުގައި ސަޕްލައިއަށް ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އޭގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިކަމަށްވާ މޯލްޑިވް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅި ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ނަމަވެސް ގޭހުގެ ސްޓޮކް އިޔާދަ ކުރެވި މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާފައިވާ ކަމަށް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނެފައިވެއެވެ.

އެސްޓީއޯއިން ވަނީ މިހާރު މިމައްސަލަ ހައްލުކުރެވުމާއެކު ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ކައްކާ ގޭސް ލިބޭނެ ކަމުގެ ޔަޤީންކަން ވެސް ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *